ޑްރަގް ޓްރެފިކް ކުރުމުގެ 2 މައްސަލައެއްގައި ދެ ދިވެއްސަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އޭގެ ތެރެއިން ފުރަތަމަ މައްސަލާގައި މަސްތުވާތަކެތީގެ ގިނަ ރެކޯޑްތަކެއް އޮންނަ ވ. ފެލިދޫ / އަބުގަސްދޮށުގޭ، ސާޖިދު ޢަބްދުލްމުހައިމިން ޢުމުރަށް ޖަލަށްލުމަށް ޙުކުމް އިއްވާފައި ވަނީ 10 ސެޕްޓެންބަރު 2021 ދުވަހު އެވެ.
ެޭއޭނާ ޖަލަށް ލާން ހުކުމްކުރީ މާލޭ މއ. ޓްވައިލައިޓް ކައިރިން ސައިކަލެއްގެ ފަހަތުގައި އިންދައި ފުލުހުން ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖީންސްގެ ފައިކުރި ތެރެއިން 50.8562 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައިގައެވެ.
މި މައްސަލައިގެ ޝަރީޢަތުގެ މަރުހަލާގައި ސާޖިދުގެ ފަރާތުން ދަޢުވާއަށް އިންކާރުކުރި ނަމަވެސް، މައްސަލަ ބެލި ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް އިހުސާން ނިންމެވީ ފުލުހުންގެ ހެކިބަހާއި ޗެއިން އޮފް ކަސްޓަޑީގެ ލިޔެކިޔުންތަކަށް ބަލާއިރު، މަސްތުވާތަކެތި ފެނުނީ އޭނާގެ ހަގީގީ ހިޔާޒަތުގެ ތެރެއިން އޭނާއަށް އެނގިހުރެ ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ދައުލަތުން ކުރި ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކޯޓުން ވަނީ ސާޖިދު އުމުރަށް ޖަލަށްލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. އަދި މި ޖޫރިމަނާ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރަން އޭނާގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.
މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 39 ދުވަސް ޖަލު އަދަބުން އުނިކުރުމުން، ސާޖިދު ތަންފީޛު ކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 10 މަހާއި 21 ދުވަސް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެވަނަ މައްސަލައިގައި އުމުރަށް ޖަލަށް ލާން ހުކުމް ކުރީ ގދ. ވާދޫ، އަސްރަފީގެ، އުމުރުން 49 އަހަރުގެ މުޙައްމަދު ޝަރީފް އެވެ. ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަ ކިލޯއަށްވުރެ ގިނަ ކެނަބިސް އަތުލައިގަތް މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން، މުޙައްމަދު ޝަރީފް 100،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު 25 އަހަރަށް ޖަލަށްލުމަށްވެސް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ މުވައްޒަފުން ތިބޭ އަދި މެއިންޓަނަންސް މަސައްކަތްކުރާ އިމާރާތެއްގެ ތެރެއިންނެވެ. ޝަރީފްއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ހޮޅިއަކާއި، އެ ސަރަހައްދުން ފެނުނު ކިރާ ކައްޓާއަކުން ފެނުނު އޭނާގެ ފިންގަޕްރިންޓް ހިމެނެއެވެ. އަދި ޑްރަގް އަޅާފައި ހުރި ފުޅިތަކާ އެއްގޮތް ބްރޭންޑެއްގެ ފުޅިތަކެއް ފިހާރައަކުން އޭނާ ގަންނަ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ވެސް ދައުލަތުން ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގައި ކޯޓުން އޭނާގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު އަދަބުން، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހޭނީ 23 އަހަރާއި 6 މަހާއި 22 ދުވަހުގެ މުއްދަތެކެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ، ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާޞްކުރުމަށް ވެސް އޭނާގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.