މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިފްކޯގެ އައު މަސްފިހާރައެއް ހުޅުމާލޭ ފޭސް 2 ގައި ހުޅުވައިފިއެވެ.

ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓުތަކުގެ 2 ނަންބަރު ޓަވަރުގެ ތިރީބައިގައި ހުޅުވި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ ޗެއަރމަން ޢަބްދުﷲ ފާއިޒެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އާއި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޒީމް އާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިފްކޯ އިން ބުނީ އެ ފިހާރައަކީ ހުޅުމާލޭ ފޭސް 2 ގައި ހުޅުވި މިފްކޯގެ ދެވަނަ މަސްފިހާރަ ކަމަށެވެ. އަދި މުޅި ރާއްޖެއަށް ބަލާއިރު މިފްކޯގެ ހަވަނަ މަސްފިހާރަ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. ވިނަރެސްގައި ހުޅުވި މަސްފިހާރައިގެ އިތުރުން، މިފްކޯގެ މަސްފިހާރަތައް ހުޅުމާލޭގައި ހިންގަމުން އަންނަނީ ފޭސް 2 ގެ ހިޔާ 2 ނަންބަރު ޓަވަރުގައާއި، ފޭސް 1 ގެ ހުޅުމާލޭ ހޮސްޕިޓަލް ކައިރީގައެވެ. މާލޭގައި ހިންގަނީ ހިލާލީމަގުގައި ހުންނަ މަސްފިހާރައާއި ނޯތު ހާބަރުގައި ހުންނަ މަސްފިހާރައެވެ. މީގެ އިތުރުން މިއަހަރު ތެރޭގައި އައްޑޫ ސިޓީ ހިތަދޫގައި ވެސް ވަނީ މިފްކޯގެ މަސްފިހާރައެއް ހުޅުވާފައެވެ. އެއީ މާލެ ސަރަހައްދުން ބޭރުގައި ހުޅުވުނު މިފްކޯގެ ފުރަތަމަ މަސްފިހާރައެވެ.

ވިނަރެސްގައިރޭ މަސްފިހާރަ ހުޅުވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިފްކޯގެ އެމްޑީ އަދި ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތަކާ ފައިހަމަކުރުމަށް މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް ވަރަށް އިސްކަންދެއްވާ ކަމަށެވެ. އެގޮތުން ރޭ ހުޅުވުނު މަސްފިހާރައިގެ ސަބަބުން މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު އިތުރަށް ފުޅާވެގެންދާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވީ މިފްކޯގެ ވިޔަފާރި ފުޅާކޮށް، ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމުގެ ސިޔާސަތުގެ ދަށުން، ސިޓީތަކުގައި މިފްކޯގެ މަސްފިހާރަތައް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށާއި މުސްތަގުބަލުގައި ރާއްޖޭގެ ސިޓީތަކުން މިފްކޯގެ މަސްފިހާރަ ފެނިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށްވެސް އަނަސް ފާހަގަކުރެއްވިއެވެ.

"ދާދި ފަހުން، ޖުލައި މަހުގެ ތެރޭގައި އަޅުގަނޑުމެން މިވަނީ ކަނޑުއޮތްގިރީގައި ހިކިމަސް ފެކްޓަރީއެއް ވެސް ހުޅުވާފައި. އޭގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނަށް ދިމާވަމުންދިޔަ ގޮންޖެހުންތައް ވަނީ ވަރަށް ބޮޑަށް ހައްލުކުރެވިފައި."

ސީއީއޯ އަނަސް

މިފްކޯ އިން ބުނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސްގައި ރޭ ހުޅުވުނު މަސްފިހާރައިން މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ވެސް ލިބެން ހުންނާނެ ކަމަށެވެ. 1 އޮގަސްޓް 2026 އިން ފެށިގެން މިފްކޯގެ މަސްފިހާރަތައް ހަފުތާގެ ހަތް ދުވަހު ހުޅުވަން ހަމަޖައްސާފައި ވާއިރު، ވިނަރެސް ފިހާރައިންވެސް ހުކުރު ދުވަހުވެސް ޚިދުމަތް ލިބޭނެއެވެ. ހުކުރު ދުވަހު މިފްކޯގެ މަސްފިހާރަތައް ހުޅުވަން ފެށުމާއެކު، ކޮންމެ ހުކުރަކަށް ޚާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރެމުންދާއިރު، މިކަމަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރަމުންދާއިރު، ކުންފުނީގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތަކެއް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތީން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރިންނަށް ނަފާ އިތުރުކޮށްދިނުން ކަމަށް މިފްކޯ އިން ހާމަކުރެއެވެ.