މާލެ އާއި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގެ ތަނބެއްގައި އޮޔާދިޔަ ދެ ބޯޓު ޖެހުނު ހާދިސާގައި ބުރިޖުގެ މައިގަނޑު އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މާލޭގެ އިރުމަތީ ފަރާތުން އޮޔާގޮސް ބުރިޖުގެ ސުޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައި ޖެހިފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައި އޮތް ތެޔޮ އުފުލާ ޒާތުގެ ދަގަނޑު 2 ބޯޓެވެ. އެ ދެ ބޯޓު އޮޔާދިޔައީ މޫސުން ގޯސްވެ، އަޅާފައި އޮތް ނަގިލި ކަހާލައިގެންނެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ބްރިޖް އެޅި ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) ގެ އިންޖިނިއަރުން ރޭ އަދި މިއަދު ހެނދުނުވެސް ބްރިޖުގެ އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ރޭ ދިމާވި ހާދިސާ އަކީ ބޮޑު ނުރައްކަލަކުން ކިރިޔާ ސަލާމަތްވި ހާދިސާއެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ހާދިސާގައި ބްރިޖްގެ މައިގަނޑު ބައިތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ތަނބުތަކުގެ ބޭރުފުށުގައި "ސަރފެސް ސްކްރެޗް" ހުރިކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިގޮތުން އެ ކުދިގެއްލުންތައް މަރާމާރުކުރުމުގެ މަސައްކަތް، ސީއެޗްއީސީ އިން ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތްވެސް ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ އިންޖިނިއަރިންގ މިންގަނޑުތަކަށް، ވަރަށް ރަނގަޅަށް މޮނިޓަރކޮށް އިންސްޕެކްޓް ކުރެވިގެންކަމަށާއި އެ މަރާމާތުތައް ކުރިއަށް ގެންދާނީ ޗައިނާގެ ގްރާންޓް އެހީގެ ދަށުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާލެ ސަރަޙައްދުގައި ދެ ބުރިޖު ތަރައްޤީކުރެވިފަވާއިރު، މިފަދަ ހާދިސާތަކުގައި އެ މުހިންމު އަދި ނާޒުކު ބިނާރުތަކަށް ގެއްލުންވުމުގެ ފުރުޞަތު އޮތްކަމަށެވެ. އެފަދަ ހާދިސާއެއް ހިނގައިފި ނަމަ ވާނީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޮޑު އަސަރެއްކޮށް މުޅި ރާއްޖެއަށް އޭގެ ގެއްލުންވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިއީ ކުރިޔާލާ ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށް ދެކި، މިހާރުވެސް އެކަމަށް މަސައްކަތްތަކެއް ފެށިފައިވާކަން މިނިސްޓަރު މުއްޠަލިބު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން އެފަދަ ޙާދިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިގޮތަށް އޮޔާދާ އުޅަނދުތައް ކަފުޖެހޭނެ ކެޕޭސިޓީގެ 2 ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލްއާއި ހަވާލުކޮށްގެން މިހާރުވެސް ކުރަމުންދާކަމަށާއި، މިއީ މިފަދަ ބިނާރުތަކުގެ ރައްކާތެރިކަމަށް ކޮންމެހެން މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު މުއްޠަލިބު ވަނީ އެ 2 އުޅަނދު ކުރިއަށް އޮތް ދެ މަސް ތެރޭގައި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވާފައެވެ.
މީގެއިތުރުން އުޅަނދުތައް އަޅާފައި ބެހެއްޓުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމާއި، އެފަދަ ހާދިސާއެއް ހިނގާ ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އަޅާނެ އެމަޖެންސީ ކޮމިއުނިކޭޝަން ނިޒާމެއް ކޯސްޓްގާޑާއި ކަމާގުޅޭ އިދާރާތަކާއެކު އެކުލަވާލާނެކަމަށް މިނިސްޓަރު މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.