ދައުލަތުގެ މުއައްސަސާތައް އޮތީ ސަރުކާރަށް ބިރުން ފިތިފައި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހޫނު ރައްދެއް ދެއްވައިފިއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ރޭ ބޭއްވި "ފެހި ސިގްނަލް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އާންމު ރައްޔިތުން އިންތިހާއަށް ނިކަމެތިވެ ހިތްދަތި ދިރިއުޅުމެއް އުޅެމުންދާއިރު، ސަރުކާރުގެ ތެރޭގައި ހިންގާ ބޮޑެތި ޚިޔާނާތްތަކާއި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، ދަޢުލަތުގެ މުސްތަޤިއްލު މުއައްސަސާތައް އޮތީ ސަރުކާރަށް ބިރުން "ފިތި ބާރުވެފައި" ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންސާނާގެ ކިބައިން ލަދުހަޔާތް ނެތިއްޖެނަމަ އެމީހަކު ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށެވެ. އަދި ކޮރަޕްޝަން ހިންގުމުން ދުނިޔޭގެ ފެންވަރުގެ ރެކޯޑް ރާއްޖޭއަށް ހޯދައިދެއްވީ ރައީސް ޔާމީން އިސްވެ ހުރެ ހިންގިވެރިކަމުގައި ކަމަށާއި، އޭރުގެ އެންޓި ކޮރަޕްޝަން ކޮމިޝަން ބޭއްވީ ކޯމާގައި ކަން ނުދަންނަ މީހަކު މި ޤައުމުގައި އުޅޭނެތޯ ފަލާހު ވަނީ ސުވާލު އުފައްދަވާފައެވެ.
ފަލާހް ވިދާޅުވީ ގ. ދޫވެހި ނަމުގައި އެޅި "ގަނޑުވަރާއި"، މިހާރު ހަމަ އެނަމުގައި ހެންވޭރު ކޮޅުގައި އަޅުއްވައިގެން އުޅޭ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮންތަނަކުން ފައިސާ ހޯދައިގެން އެޅި ތަންތަންތޯ ސުވާލު ކުރާމީހުން މަދު ނޫން ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ސިންގަޕޯރ އާއި ދުބާއީގެ ފިކްސްޑިޕޮޒިޓް އަދި އިންވެސްޓްމަންޓް އެކައުންޓުތަކުގައި ހުރި ޑޮލަރުތަކުގެ މަތީން ހަމަ ގައިމުވެސް އެމްޑީޕީ މީހުން ހަނދާން ނުނެތޭނެ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ފަލާހް ވަނީ ރައްޔިތުން ކަންބޮޑުވެ ފިތިބާރުވެ، ރުޅިގަދަވެ ރައީސް ޔާމީން ވެރިކަމުން ބޭލި ހަނދާން ނެތުނީތޯ ސުވާލުކުރައްވާފައެވެ.
ރައީސް ޔާމީނަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓުގައި ފަލާހު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުރި ބައެއް ކަންތައްތައް ފާހަގަކުރައްވާފައެވެ. އެއީ:
ސުޕްރީމް ކޯޓުގެ ބެންޗު ބޭނުން ގޮތަކަށް ބަދަލުކުރުން.
- ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށް ލުން.
- ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު ފާސްކޮށް، ހުރިހާ މިނިވަން މުއައްސަސާތައް ޕެރަލައިޒް ކޮށްލުން.
- އޭރު ޤައުމުގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލުން.
- ނައިބު ރައީސުންނާއި އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުން.
މިވާހަކަތައް ދައްކާނެ މީހުން މިއަދު ނެތްކަމަށް ހީކުރައްވައިގެން ރައީސް ޔާމީން ހުދުކާފޫރަށް ބަދަލުވެވަޑައިގެން އުޅުއްވާ ކަމުގައި ފަލާހު ސިފަކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު އަމިއްލަފުޅަށް ތިމަންނާ އަކީ ރައީސް ޔާމީނޭ ނިދީގައިވެސް ކިޔުއްވާ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.