އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، ފޭދޫގައި ޚާއްޞަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން، ޖުމްލަ 8 މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދު ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބުމުން އެ އޮތޯރިޓީއަށް ރިޕޯރޓް ކުރުމާއި ގުޅިގެން ހާލަތު މޮނީޓަރ ކުރަމުންދާ ކަމަށެވެ.

މިގޮތުން، އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާ ކަން އެއޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެ ސަރަޙައްދަށް ނެރެފައިވާ ރީނދޫ ސަމާލު މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ދަމަހައްޓާފައިވާއިރު، މި އަތޮޅުތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.