ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ، މާލެއަށް ބަނދަރުކޮށްފައި އޮއްވާ ނަގިލި ކަނޑައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތައް ހާޒިރުކޮށްގެން ބަލައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ކުޑޫ ވިދާޅުވީ، 11 ސެޕްޓެމްބަރުގެ ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާއަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކާއި ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް ކަމަށެވެ.
އެގޮތުން، އެ ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް އެތެރެވެފައިވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އެއްވެސް އިދާރާއެއްގެ ހުއްދައެއް ނެތި ކަމަށާއި، ވެރިރަށް މާލެ ކައިރީގައި ހަފުތާއެއްހާ ދުވަހު ބަނދަރުކޮށްފައި އޮތްއިރު ކަމާބެހޭ ފަރާތްތަކަށް މި އުޅަނދުތައް ފާހަގަކުރެވިފައި ވަނީ މެއި މަހުގެ 3 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން ކުޑޫ ވަނީ، އެ ދެ ބޯޓުގައި ތިބި ފަޅުވެރިން ހާލުގައި ޖެހިފައިވާތާ 5 މަސްދުވަސް ވެފައިވާއިރު، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރަމުންދިޔަ އިރުވެސް އެކަށޭނަ ހައްލެއް ހޯދައިދެވިފައި ނުވާ ސަބަބު އޮޅުންފިލުވުމަށް އެދިވަޑައިގެންފައެވެ. އަދި ބަނދަރު ސަރަޙައްދުގައި އެ އުޅަނދުތައް އޮތް މުއްދަތުގައި، އެ ތަކެތީގެ ސަލާމަތީ އަދި ފަންނީ ހާލަތު ވަޒަންކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ސާފުކުރުމަށްވެސް ކުޑޫ ވަނީ ހުށަހަޅުއްވާފައެވެ.
މީގެއިތުރުން، ރާއްޖޭގެ މުހިންމު އުމްރާނީ ބިނާއެއް ކަމަށްވާ ސިނަމާލެ ބްރިޖަކީ އެކަށީގެންވާ ގޮތެއްގައި އިންޝުއަރ ކުރެވިފައިވާ ތަނެއްތޯއާއި، ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ މިންވަރު ބެލުމަށްވެސް މެންބަރު ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.
މިއީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމާއި ގައުމީ ސަލާމަތުގެ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތައް ހާމަވި ކަމަކަށްވާތީ، މަޖިލީހުގެ 241 ކޮމިޓީން މި މައްސަލަ ބައްލަވައި އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް ކުޑޫގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.