މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ ރެކްރިއޭޝަން ކްލަބްގެ މައްޗަށް ކުރިހޯދައިފިއެވެ.

ގދ. ގައްދޫގައި މިއަދު ހަވީރު ކުޅުނު މި މެޗަކީ ތާރީހުގައި ވެސް އަތޮޅުތެރޭގައި ކުޅުނު ފުރަތަމަ ލީގު މެޗެވެ. ނިއުއިން މި މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ އިއްޔެ ހަވީރު ކުޅުމަށް ހަމަޖެހިފައި އޮތް މެޗެއް ނަމަވެސް، ވިއްސާރައިގެ ސަބަބުން މެޗު ވަނީ ފަސްކޮށްފައެވެ.

މިއަދުގެ މެޗުގެ ވަރަށް ކުރީކޮޅު ނިއުއިން ވަނީ ލީޑުނަގާއެވެ. އެގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި ގޯމޭސް ޑަ ސިލްވާ ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން މި ލަނޑު ޖަހައިދިނީ ޑޮރިއެލްޓަން ގޯމޭސް އެވެ.

ނިއުއިން ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑަކީ ވެސް ޑަ ސިލްވާ ނަގައިދިން ހުރަހަކުން ޑޮރިއެލްޓަން ބޮލުން ޖެހި ލަނޑެކެވެ.

ދެވަނަ ހާފުގައި ވެސް ނިއުއިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

ލީގުގައި ނިއުއިން އަންނަ ހުކުރު ދުވަހުގެރޭ ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެވެ. އަދި އެ ދުވަހުގެ ހަވީރު ގައްދޫ ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.