ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުވެ، ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް އެ މަގު ބޭނުން ނުކުރަން އައްޑޫ ސިޓީ ކައުންސިލުން މިއަދު އިލްތިމާސް ކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ހެނދުނު ނެރުނު އިއުލާނެއްގައި ބުނީ، ވިއްސާރައިގެ ސަބަބުން ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިވަގުތު އެންމެ ރަނގަޅީ އެ މަގު ބޭނުން ނުކުރުން ކަމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. އަދި އަޑިގުޑަން ހެދިފައިވާ ލިންކް ރޯޑުގެ އިތުރުން އައްޑޫގެ އެހެން މަގުތައް ބޭނުންކުރުމުގައިވެސް ސަމާލުވެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ދުއްވާ އެއްޗެހީގެ ސްޕީޑު މަޑުކުރުމަށް އެ ކައުންސިލުން އެދެއެވެ.
މީގެ އިތުރުން ވިއްސާރައާ ގުޅިގެން ރަށު ތެރޭގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމަށްޓަކައި އެކި ސަރަހައްދުތަކުގައި ހޮޅި އަޅާފައިވާތީ، ދުއްވާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެކައުންސިލުން ވަނީ އެދިފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެންމެ ފަހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ ވަނި ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި އެ ތަނުން އެއް ގޭގައި ދިރިއުޅެމުންދިޔަ 8 މީހަކު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައި ކަމަށްވެސް އެންޑީއެމްއޭ އިން ހާމަކުރެއެވެ.