މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް 48 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އެތެރެކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ކަސްޓަމްސްއިން ރާއްޖޭގެ އޮންލައިން މީޑިއާއެއް ކަމަށްވާ 'މިހާރު' ނޫހަށް ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް އެތެރެކޮށްފައިވަނީ 76 މިލިއަން ސިނގިރޭޓެވެ. ނަމަވެސް، އޭގެ ކުރީ އަހަރުތަކުގައި ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުގެ އަދަދު އުޅުނީ އަހަރަކު 338 މިލިއަނަށްވުރެ މަތީގައެވެ. ރާއްޖެއަށް އެތެރެ ކުރި ސިގިރޭޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު 345,123,496 ސިނގިރޭޓު ރާއްޖެ އެތެރެކޮށްފައި ވާއިރު،
2022 ވަނަ އަހަރު 356,755,492 ސިނގިރޭޓު ވަނީ ރާއްޖެ އެތެރެކޮށްފައެވެ. އަދި 2023 ވަނަ އަހަރު 349,887,124 ސިނގިރޭޓު،
2024 ވަނަ އަހަރު 338,083,260 ސިނގިރޭޓު ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ. މީގެ އިތުރުން 2025 ވަނަ އަހަރު އެ އަދަދު 76,214,347 ސިނގިރޭޓަށް ދަށްވި އިރު, އެ ސިނގިރޭޓުތަކުގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދައުލަތަށް ދައްކާފަ އެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ބުނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރީ މުޅިއެކު 48,881,100 ސިނގިރޭޓެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމިތާ ދެ އަހަރު ނުވަނީސް، ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގަމުންދާ އިމްޕޯޓް ޑިއުޓީގެ މިންވަރު ހަތަރު ރުފިޔާއަށް ބަދަލުކޮށް، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ބަދަލު ގެނެސް ޑިއުޓީ ކުޑަކުރި ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި ދޭއްގަ އެވެ.