ކިޔަވައިދިނުމުގެ ހުނަރު ނެތްކަމަށް ބުނެ ވަޒީފާއިން ވަކި ކުރީ ދ. އަތޮޅު ސްކޫލްގެ ބީޓެކް ހޮސްޕިޓަލިޓީ ޓީޗަރެއްގެ މަގާމުގައި މަސައްކަތްކުރި ރަޔަސް ޖޮޝީ ނަމަކަށް ކިޔާ އިންޑިއާ ޓީޗަރެކެވެ.

އެ މަގާމުގައި ހުއްޓާ ވަޒީފާއިން ވަކިކޮށް، ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) އިން އެކަން އަންގަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށްވެސް ޓީޗަރު ވަނީ ބުނެފައެވެ.

ސީއެސްސީން ބުނީ އެ ފިޔަވަޅު އެޅީ ވަޒީފާގެ އެއްބަސްވުމާ ހިލާފުވުމުން ކަމަށާއި ދަރިވަރުން ފާސްވި ނިސްބަތްވެސް 75 ޕަސެންޓްގައި ހިފެހެއްޓިފައި ނުވާ ކަމަށެވެ. އެގޮތުން އެއީ ނޯޓިސްއަކާ ނުލާ ވަޒީފާއިން ވަކިކުރެވޭނެ ހާލަތެއް ކަމަށްވެސް އެ ކޮމިޝަނުން ދެކެއެވެ.

ނަމަވެސް، ވަޒީފާއާ ބެހޭ ޓްރިބިއުނަލްއަށް މައްސަލަ ހުށަހަޅައި، ޓީޗަރު ބުނެފައިވަނީ އޭނާ ކިޔަވައިދިނުން ރަނގަޅު ކުރަން އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށެވެ. އަދި ފާސް ޕަސެންޓުގެ ތަފްސީލުގައި ހިމަނާފައިވަނީ އެ ޓާމުގައި ނެގި އެއް ޔުނިޓް އިމްތިހާނާއި އެ ޓާމުގެ ފަހު އިމްތިހާނު ކަމަށެވެ.

މީގެ އިތުރުން އެއީ ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދީފައިވާ މިންވަރު ދެނެގަތުމަށް އެކަށޭނެ މިންގަނޑެއް ނޫން ކަމަށް ވެސް ޓީޗަރު ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ސީއެސްސީން ބުނެފައިވަނީ ޔުނިޓް ޓެސްޓާއި ޓާމް އިމްތިހާނުގެ ނަތީޖާ ދަށް ކަމަށެވެ. އަދި ޓީޗަރު ކިޔަވައިދިނުމުގައި ޕާފޯމަންސް ދަށް ކަމުން، ޕާފޯމަންސް ރަނގަޅު ކުރަން ލީޑިން ޓީޗަރާއި ޕްރިންސިޕަލް ނަސޭހަތްތެރިވެ، އިރުޝާދު ދިން ކަމަށް ސީއެސްސީން ބުނެއެވެ. ނަމަވެސް ޕާފޯމަންސް ރަނގަޅު ނުވި ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ބުނީ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ފަދަ ޣައިރު ސުލޫކީ އަމަލެއް ކޮށްގެން ކަމަށް ބުރަ ނުވެވޭ ކަމަށެވެ.

އެ ފިޔަވަޅު އަޅާފައި ވަނީ މުވައްޒަފަކު ވަކިކުރުމުގައި އަމަލު ކުރަންޖެހޭ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށާއި، ޓީޗަރު ވަޒީފާއިން ވަކިކުރަން ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތުދީ، އެ ފުރުސަތާ އެކު ބޭނުންވާ ފަރާތެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނެއެވެ. ޓީޗަރުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ އިދާރީ ތަހުގީގެއް ހިނގާފައި ނުވާއިރު، ވަޒީފާއިން ވަކިކުރުމުގައިވެސް އިޖުރާއީ އަދުލުވެރިކަން ގާއިމް ކޮށްފައި ނުވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ކަނޑައަޅާފައެވެ.

ޓްރައިބިއުނަލުން ވަނީ ބިދޭސީ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވާ ތާރީހުން ފެށިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ނިޔަލަށްވާ މުސާރަ އާއި އިނާޔަތްތަކަށް އަރާ 82،592ރ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސްކުރަން އަންގާފައެވެ.