ފޮރިން އިންވެސްޓްމަންޓާ ބެހޭ އައު ޤާނޫނުގެ ދަށުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން މިއަދު ޢާންމުކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު އިޢުލާނުގައި ވަނީ ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި، އިންވެސްޓް ނުކުރެވޭނެ ދާއިރާތަކާއި، ވަކި ޝަރުޠުތަކަކާއެކު އިންވެސްޓްކުރެވޭނެ ދާއިރާތައް އިޞްލާޙުކުރުން ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރާއްޖޭގައި ހިންގަމުންދާ ބޭރުގެ ވިޔަފާރިތަކުން ޢަމަލުކުރަން ޖެހޭކަން ހަނދާންކޮށްދީފައެވެ.

2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ. އެ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން ކާގޯ ސޭލްސް އޭޖެންޓް (ސީއެސްއޭ) އާއި ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) އަދި ޕެސެންޖަރު ސޭލްސް އޭޖެންޓް (ޕީއެސްއޭ) ގެ ޚިދުމަތްތައް ހިމެނެއެވެ.

މި ދާއިރާތަކުގައި ޚިދުމަތް ފޯރުކޮށްދޭ ބޭރުގެ ކުންފުނިތަކުން، ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 8 އޮކްޓޯބަރު 2026 ގެ ނިޔަލަށް، މި ދާއިރާތަކުގައި ވިޔަފާރިކުރުން ހުއްޓާލަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން، އެ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ ބޭރު ކުންފުނިތަކުން، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްއާ ކޮމްޕްލައިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން އެދެއެވެ.

އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފައިވާ ޓްރާންސިޝަން އެރޭންޖަމަންޓްތަކާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ވީ އެންމެ އަވަހަށް ގުޅުމަށް އެދިފައެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ނުވަތަ ސީ.އެސް.އޭ/ޖީ.އެސް.އޭ/ޕީ.އެސް.އޭ ގެ ޚިދްމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ބޭރުގެ 8 ކުންފުންޏެއްގެ މައުލޫމާތު އާންމުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ނަން އާއްމުކުރި 8 ކުންފުންޏަކީ، މެގަ ސްޕީޑްލައިނާސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0022/1994)، އެސްލި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (C-0266/1995)، އައިސޯލާ ކްރިއޭޝަން (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0217/1995)، ދީނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (C-0017/1985) އާއި ލެމިންޓަންސް ޖުވެލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0375/1996) ގެ އިތުރުން އެމްޔޫކޭ އެޕަރަލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0079/1998) އާއި ލަކްގެމްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0201/1999) އަދި އޯޝަން ވެލް ގާމެންޓްސް ޕްރައިވެޓް ލިމިޓެޑް (C-142/2000) އެވެ.

މިނިސްޓްރީން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެ ކުންފުނިތަކުން ދީފައިވާ ނަންބަރުތަކުން ގުޅޭގޮތް ވެފައި ނުވާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ނަން ޢާންމުކުރި ކުންފުނިތަކުގެ ޑައިރެކްޓަރުންނާއި ހިއްޞާދާރުން ނުވަތަ ހުއްދަ ލިބިފައިވާ މަންދޫބުން ވީ އެންމެ އަވަހަކަށް "އިންވެސްޓް މޯލްޑިވްސް"ގެ ފޮރިން އިންވެސްޓްމަންޓް ޔުނިޓާ މުޢާމަލާތުކުރުމަށް އެދިފައެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ތެރޭގައި އައު އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ބޭނުންވާ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.