ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑު 2 ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫޢުގެ މަގްޞަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިންގ އެލީއަކާއި، ގޭމިންގ އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖްތިމާއީ ހަރަކާތްތަކަށް ބޭނުންކުރެވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެއާއެކު، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެފަދަ ގޮތަކަށް އެތަން ތަރައްގީކުރާއިރު، ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިންގ އޭރިއާއެއްވެސް ތަރައްގީކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ، އެ ސަރަހައްދުގެ ތިމާވެއްޓާއި، އެ ސަރަހައްދުގެ އަތިރިމަތި އަދި އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށާއި، މާހައުލަށް މާ ބޮޑު ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެފަދަ ގޮތަކަށް ތަން ޑިޒައިން ކޮށްގެންކަން އެޗްޑީސީން ފާހަގަކުރެއެވެ.
އެޗްޑީސީން ބުނީ ރުއްގަނޑު 2 ސަރަހައްދަށް މި ގެނެވޭ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކަށާއި، ޒުވާނުންގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ފަތުރުވެރިން އަދި ރަށްރަށުން ޒިޔާރާތްކުރާ އެންމެންނަށްވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ބައިވެރިވެވޭނެފަދަ އުފާވެރި އަމާން މާހައުލެއް ގާއިމުވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ހުޅުމާލޭގެ އިޖްތިމާއީ ގުޅުން ވަރުގަދަވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެއަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެކި ބޭނުންތަކަށް ޒިޔާރާތްކުރާ ފަރާތްތަކަށްވެސް ހިތްފަސޭހަ، އަދި ރައްކާތެރި ވެއްޓަކަށް ހެދުމަށްޓަކައި އެޗްޑީސީން މެދުކެނޑުމެއްނެތި އަންނަނީ މަސައްކަތް ކުރަމުންނެވެ.