ކުޅުދުއްފުށި ސިޓީގެ އުތުރު ބަނދަރު ސަރަޙައްދުގައި އައިސް ޕްލާންޓެއް ތަރައްޤީކޮށް، ހިންގުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބޮޑުތިލަ ސީފުޑް އިން ސޮއިކޮށްފިއެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނީ މި އެއްބަސްވުމުގެ ދަށުން އައިސް ޕްލާންޓް އެޅުމަށް ދޫކޮށްފައި ވަނީ 3334.68 އަކަފޫޓުގެ ބިމެއް ކަމަށެވެ. އަދި އެ ބިން 25 އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައި ވަނީ މަހަކު 4,300 ރުފިޔާއަށް ކުއްޔަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އައިސް ޕްލާންޓް ޤާއިމުކޮށް، ޚިދުމަތް ފަށަންޖެހޭނެ ކަމަށެވެ.

މި މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށުމުން، އެ ސަރަޙައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެއެވެ.