ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމަށް ހަދަންޖެހޭ ސާރވޭ ގާތްގަޑަކަށް ނިމިފައިވާކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއެކު ބޭއްވި" ލެޓްސް ކަނެކްޓު" ހަރަކާތުގެ ތެރެއިން އެ ކުންފުނީގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ފަހުމީ ވިދާޅުވީ މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި ކާމިޔާބުކަމާއެކު މިހާރުވެސް ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށެވެ.

އެގޮތުން ކަނޑުގެ 500 މީޓަރު އަޑީގައި ވޯޓާ ޕްލާންޓެއް ޤާއިމުކޮށްގެން ރާއްޖޭގައި ފެން އުފެއްދުމުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެންކަންވެސް ފަހުމީ ހާމަކުރެއްވިއެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ސާރވޭތައް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

މިގޮތުން އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް، ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި ތިމާވެއްޓާ ގުޅޭ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަންނަ އަހަރުގެ މެދުތެރޭގައި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ކުރެވުނު ދިރާސާތަކުން އެ ޕްލާންޓް ޤާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ދެނެގަނެވިފައި ވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ.

ކަނޑުގެ 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއްކަމަށާއި ބޯހޯލުން ނަގާ ލޮނަށްވުރެއް ސާފުވާނެކަމަށާއި އޯރގަނިކް މެޓަލް މަދުވުމުގެ ސަބަބުން އެފިޝިއެންސީ އިތުރުވުމާއި އަދި ޚަރަދު ކުޑަވާނެކަމަށް އެމްޑަބްލިޔުއެސްސީން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.