ތިމާވެށި ރައްކާތެރިކޮށް އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެއްލައްކަ ރުފިޔާއާ ހަމައަށް ހިލޭ އެހީ ލިބޭ ގޮތަށް ހިންގާ ވިލުންވެށި ޕްރޮގްރާމްގެ ދަށުން ދޫކުރާ ހިލޭ އެހީ ކުރިއަށް އޮތްތަނުގައި ކުންފުނިތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ އަލީ ޝަރީފް ވިދާޅުވެއްޖެއެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ޝަރީފު ވިދާޅުވީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ މާލީ އެހީތެރިކަމާއެކު ވަކިވަކި ފަރުދުންނަށް އެއްލައްކަ ރުފިޔާއާ ހަމައަށް ގްރާންޓް ދޫކުރާ ސްކީމެއް އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.

"އޭޑީބީގެ އެހީގަ ހިންގާ ޕްރޮޖެކްޓެއް. މީގެ ތެރޭގަ ވަރަށް ފަހުން އަޅުގަނޑުމެންވާނީ އިއުލާނުކޮށްފަ. މިހާރު އޭތި ހަމަވެއްޖެ.ހަމަވެގެން އަންޑަރ އިވެލުއޭޝަނުގަ އޮތީ ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން އަޅުގަނޑުމެން ހުޅުވާލި ގްރާންޓް ސްކީމެއް. މި ގްރާންޓް ސްކީމްގަ މި ހުޅުވާލީ އީޖާދީ ޕްރޮޖެކްޓުތަކަކަށް. އީޖާދީ ޕްރޮޖެކްޓްތަކަށް މި ހުޅުވާލި ސަބަބަކީ ވަރަށް ގިނަ ސްޓާޓްއަޕްތަކަށް އެބަ ތިބި ފުރުސަތަކަށް މަޑުކޮށްގެން. ކޮންމެވެސް ވަރެއްގެ އެސިސްޓެންސެއް ލިބިގެން ނޫނިއްޔާމުން އެ މީހުންގެ އެ ހުރި އައިޑިއަރުތައް މުޖުތަމައަށް ނުނެރެވި."

އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފް

މިދިޔަ ޖޫން މަހު އިއުލާންކުރި ވިލުންވެށި ގްރާންޓް ޕްރޮގްރާމަށް ލިބުނު ޕްރޮޕޯސަލްތަކުގެ ތެރެއިން، 150 ޕްރޮޕޯސަލް އިވަލުއޭޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަރުހަލާ ނިމި، އެ ޕްރޮގްރާމަށް ހޮވޭ ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވިލުންވެށި ޕްރޮގްރާމްގެ ދަށުން މިހާރު ފުރުސަތު އޮންނަނީ ވަކިވަކި ފަރުދުންނަށްކަމަށްވިޔަސް، އެކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާތީއާއި އެ ޕްރޮގްރާމް އިތުރަށް ފުޅާ ކުރުމަށް އަންނަ އަހަރު ކުންފުނިތައް ހިމެނޭހެން އެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ކުންފުނިތަކަށް އެ ޕްރޮގްރާމް ހުޅުވާލާއިރު ހިލޭ އެހީގެ މިންވަރު މަތިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.