މި ހިނގާ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނައި އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ، އަތުލައިގަންފައިވަނީ ސިންތެޓިކް ކެތިނޯން ކަމަށެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި 6،750 ގްރާމްހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި މަހުގެ 19 ވަނަ ދުވަހުވެސް ކަސްޓަމްސް އިން ވަނީ ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފައެވެ.

އެ ދެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 708.2 ގުރާމްގެ ހެރޮއިންއާއި، 424 ގުރާމްގެ ކޮކެއިންގެ އިތުރުން 51.6 ގުރާމްގެ މޯފިންކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް މޯލްޑިވްސް ކަސްޓަމްސް އިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.