ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން 2-1 އިން ވާދަވެރި ބާސެލޯނާގެ މައްޗަށް ކުރިހޯދައިފިއެވެ.

މިއީ، "އެލް ކްލަސިކޯ"ގެ ނަމުން މަޝްހޫރުވެފައިވާ ރެއާލް އާއި ބާސާގެ ކުރިމަތިލުންތައް ރެއާލުން ކާމިޔާބުކުރި 107 ވަނަ ފަހަރެވެ. ބާސާއިން ވަނީ 106 މެޗުން ރެއާލް ބަލިކޮށްފައެވެ.

ބާސާގެ ދަނޑު، ކޭމްޕް ނޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައިގައި އެއްވެސް ޓީމަކަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ރެއާލުން ލީޑު ނެގީ މެޗުގެ 41 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުން އުފެއްދި އެޓޭކެއް ހުއްޓުވުމަށް، ބާސާގެ ޑިފެންޑަރު ޖެރާޑް މާޓިން ގޯލު އޭރިއާ ތެރެއިން ޖައްސާލި ބޯޅަ، ކައިރީގައި ހުރި ކިލިއަން އެމްޕާބޭގެ ފައިގައި ޖެހިފައި ވަން ލަނޑެކެވެ.

އޭގެފަހުން ރެއާލަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ހުސް ފުރުސަތުގައި ޔާން ޑިއަމޯންޑޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ރެއާލަށް އިތުރު ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލްގެ ފޯވާޑް ރަފީނިއާ އެވެ. ބާސާގެ މިޑްފީލްޑަރު ޕެޑްރީ އޭރިއާ ތެރެއަށް ދިން ބޯޅައަކުން ރަފީނިއާ މި ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނެޓުގައެވެ.

ދެ ޓީމު އެއްވަރުވެގެން މެޗު ނިމެންދަނިކޮށް، 87 ވަނަ މިނެޓުގައި އެޑުއާޑޯ ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑު ޖަހައި ރެއާލް މޮޅުކޮށްދިނީ، ފުރަތަމަ ލަނޑުވެސް ޖެހި ފްރާންސްގެ ތަރި އެމްބާޕޭ އެވެ. ބާސާގެ ކީޕަރު ޖޯން ގާސިއާ ކުރިއަށް ނުކުމެ ހުރި ވަގުތު އެމްބާޕޭ އެ ބޯޅަ ވައްދާލީ ހުސް ގޯލުގެ ތެރެއަށެވެ.

މިއީ އެމްބާޕޭ ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވިފަހުން އެ ޓީމަށް ޖަހައިދިން 100 ވަނަ ލަނޑެވެ. އަދި މިއީ އޭނާ މިހާތަނަށް ކުޅުނު ހަތް އެލް ކްލަސިކޯއިން ޖެހި އަށްވަނަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.

މި ސީޒަން ފަށައިގެން މޮޅުވުމުގެ ރެކޯޑް ދަމަހައްޓަމުން އައި ބާސާ މިވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފައެވެ. އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސާ ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ.

މި ބައްޔާއެކު ވެސް، 27 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ބާސާ އެވެ. އަދި 25 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތް އިރު، ރެއާލް ތިން ވަނައިގައި އޮތީ 24 ޕޮއިންޓާއެކުއެވެ.