މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި 59 ހިއްސާދާރުން އަދި ޕްރޮކްސީ މެދުވެރިކޮށް 14 ހިއްސާދާރުން ބައިވެރިވިއިރު، ޖަލްސާގައި މުޅިއެކު ތަމްސީލުވީ 69.75 އިންސައްތަ ހިއްސާދާރުންނެވެ. މިގޮތުން އެއީ މުޅިއެކު 5,602,272 ހިއްސާއެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރި މުހިންމު ކަންކަމުގެ ތެރޭގައި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށް ފައެވެ. އަދި އެކުންފުނީގެ 2025 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއ،ި ފައިދާއާއި ގެއްލުމުގެ ހިސާބާއި ޑިރެކްޓަރުންގެ ރިޕޯޓް ފާސްކޮށްފައިވެއެވެ.
މީގެ އިތުރުން 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާގެ އިތުރުން ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ވަނީ ފާސްކޮށްފައެވެ. މި ޖަލްސާގައި މި އަހަރަށް ކުންފުނީގެ އޮޑިޓަރުގެ ގޮތުގައި ހިއްސާދާރުން ކަނޑައަޅާފައިވަނީ ޑެލޮއިޓެވެ.
އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ 2 ފަރާތެއްގެ ދައުރު ހަމަވުމާއި ގުޅިގެން، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެކަކު މަގާމަށް އައްޔަން ކުރަންވެސް ފާސްކޮށްފައިވެއެވެ. މި ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ރ. ރަސްގެތީމު، ހުދުވެލި ހުސައިން ހަސަންފުޅު އެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން މިވަގުތު ހުސްވެފައިވާ މަގާމަށް ޑިރެކްޓަރެއް އިންތިޚާބުކުރުމަށްޓަކައި ޚާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާތުތައް ފުރިހަމަކުރުމަށްފަހު އެކަން އިއުލާންކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.