އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޭ މާލީ އެހީއަށް އިކުއިޓީގެ ގޮތުގައި 750 މިލިޔަން ދޫކުރުމަށް ނިންމައި ބޯހިޔާވަހިކަމުގެ މަޝްރޫއަށް 3 ބިލިޔަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ޒަރީރު ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް މުހިއްމުކަމަށް ގަބޫލުކުރާ އެއް ސިޔާސަތަކީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި އިޖުތިމާއީ ތަކުލީފުތަކަށް ހަރުދަނާ އަދި ދާއިމީ ހައްލުތަކެއް ހޯދައިދިނުން ކަމަށެވެ.
ވަޒީރު ވިދާޅުވީ، އަމިއްލަ ބިން އޮވެމެ، އެ ބިމުގައި ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންތަކެއް ތިބިކަން އެއީ އަދުގެ ހަޤީގަތް ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ އަދަދުގެ ތެރޭގައި، އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރުމަށް، 750 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރަށްރަށުގައިވާ ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ގާއިމުކޮށް، ދިރިއުޅުމަށް ފަހި ވެއްޓަކަށް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.