ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 136.3 މިލިއަން ރުފިޔާއާ، 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނޭ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ހުށަހަޅުއްވާ ދެއްވަމުން ވަޒީރު ވިދާޅުވީ، ފާގަތި ގައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދިނުމަށްޓަކައި، ކޮންމެ ކުއްޖަކަށްމެ ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި މަގްސަދު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން، މި ބަޖެޓުގައި ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތައް އެޅުމުގެ އިތުރުން، ލެބޯޓްރީތަކާއި މަތީ ތައުލީމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ތަފާތު ގޮތްގޮތަށް އުނގެނޭ ކުއްޖެއްކަމާއި، އެ ކުއްޖެއްގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްމެ ލިބެންޖެހޭނެކަމީ އަޅުގަނޑުމެން ގަބޫލުކުރައްވާ ހަމައެއް ކަމަށެވެ.
އެގޮތުން، ސްކޫލް އިންފްރާސްޓްރަކްޗަރާއި، އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، އިތުރަށް ހަރުދަނާކުރުމަށް މި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.