ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އޯޑިއޯ ހެކިތަކެއް ޝަރީއަތަށް ބަލައިގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިއްޔެ އިސްތިއުނާފްކޮށްފިއެވެ.
އެ ހެކި ތަކަކީ 2013 ވަނަ އަހަރު ޔާމީން ފޯނުން ދައްކަވާފައިވާ ވާހަކަތަކުގެ އަޑު ކަމަށް ބުނާ އޯޑިއޯތަކެކެވެ. އެ މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ މެދު ދަށު ކޯޓުން ނިންމި ނިންމުމެއް އިއްޔެ ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައި ކަން ހައި ކޯޓުގެ ރަޖިސްޓްރީން ދައްކައެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަމްޒާ ލަތީފް ވިދާޅުވީ ހައި ކޯޓުގައި އިސްތިއުނާފްކުރީ، ކާކުކަން ކަށަވަރުނުކުރެވޭ އޯޑިއޯތަކެއް ޝަރީއަތަށް ބަލައިގަތުމަށް ކޯޓުން ނިންމި ނިންމުން ކަމަށެވެ.
ހައި ކޯޓުގައި އެދިފައިވަނީ އެ ހެކި ބަލައިނުގަތުމުގެ އިތުރަށް މި ކަމުގައި އުސޫލުތަކެއް ކަނޑައަޅައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެ އޯޑިއޯތަކަކީ ޔާމީން ރައީސް ކަމަށް ވަޑައިގަތުމުގެ ވެސް ކުރީގެ ތާރީހެއްގައި ދެއްކެވި ކަމަށް ބުނާ އޯޑިއޯތަކެކެވެ.
އެއީ ޔާމީންގެ އަޑުކަން ކަށަވަރުކުރުމުގެ ގޮތުން އޯޑިއޯ އެނަލިސިސް ރިޕޯޓެއް ތައްޔާރުކުރާނެ ކަމަށް ދައުލަތުން ކުރިން ހިންގި ޝަރީއަތުގައި ބުނި ނަމަވެސް އެ އެނަލިސިސް ރިޕޯޓް ތައްޔާރުކޮށްފައެއް ނުވެެއެވެ.