ޢާއިލާތައް ހަރުދަނާކުރެވިގެން މެނުވީ، ހަރުދަނާ މުޖުތަމަޢެއް ބިނާނުކުރެވޭނޭ ކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ބުނެފިއެވެ.
"ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުޟޫޢުގައި މިއަދު ދިން ހުކުރު ހުޠުބާގައި ބުނީ އަހަރެމެން އެންމެން ވެސް ދަންނަފަދައިން، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށާއި، މި ޢާއިލާތައް ހަރުދަނާކުރެވިގެން މެނުވީ، ހަރުދަނާ މުޖުތަމަޢެއް ބިނާނުކުރެވޭނޭކަން ދަންނާން ޖެހޭ ކަމަށެވެ.
ހުތުބާގައި ބުނީ މިއަދު އަހަރެމެން އެންމެންގެވެސް ޝަކުވާއަކީ، މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު، ދުވަހުންދުވަހަށް ދަށްވާ ވާހަކަ ކަމަށާއި، ޢާއިލާގެ ތެރޭގައި އޮންނާންވާ ގުޅުންތައް ނޯންނަ ވާހަކަ އަދި ޢާއިލާތައް ރޫޅި ވިއްސިވިހާލިވާ ވާހަކަ ކަމަށާއި، މި ކަންތައްތައް އިޞްލާޙުކުރާން މަސައްކަތްކުރާން ވެއްޖެ ވާހަކަ ކަމަށެވެ. މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، ބޮޑުވަމުން އަންނަ އަހަރެމެންގެ ދަރީން ތަރުބިޔަތުކުރެވޭ ގޮތް ކަމަށާއި އެ ދަރީންނަށް ދެވޭ ތަޢުލީމު ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އަދި ކޮންމެ އިންސާނަކުމެ މި ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި އިސްލާމްދީންމަތީގައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިސްލާމްދީނުގައި ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރާން އަންގަވާ ކަމަށާއި ނަމަވެސް އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވަނީ އެ ކުއްޖާއަށް ދެވޭ ތަޢުލީމަކާއި ތަރުބިޔަތުން ކަމަށް ބުނެފައި ވެއެވެ. ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުޠުބާގައި ބުނީ ފިޠުރަޠުގެ ސާފުކަންމަތީގައި މެނުވީ އެއްވެސް ކުއްޖަކު ދުނިޔެއަށް އުފަންނުވާ ކަމަށާއި، ފަހެ، އެ ކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެ ކުއްޖާގެ މައިންބަފައިން ކަމަށެވެ.
ޤުދުސިއްޔަ ޙަދީޘެއްގައި ﷲ تَعَالَى ވަޙީކުރައްވައިފައިވާކަމަށް އައިސްފައި ވެއެވެ. ތިމަން ރަސްކަލާނގެއީ "އައްރަޙްމާނު"އެވެ. އޯގާވަންތަ ރަސްކަލާނގެއެވެ. އަދި އެއީ ރަޙިމުގެ ގުޅުމެވެ. ގާތްތިމާގެކަމުގެ ގުޅުމެވެ. ރަޙިމުގެ ގުޅުމަށް ޓަކައި ތިމަންރަސްކަލާނގެ ނަންފުޅުތަކުން ނަމެއް ކަނޑައެޅުއްވީމެވެ. ފަހެ އެ ގުޅުން ނުކަނޑައި، ދަމަހައްޓައިފި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ޤާއިމުކުރައްވާހުށީމެވެ. އަދި އެ ގުޅުން ކަނޑައިފި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ކަނޑުއްވައި ވަކިކޮށްލައްވައިފާހުށީމެވެ.
ހުތުބާގައި ބުނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށެވެ. މި ކަމާ ގުޅޭ ގޮތުން ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. "ތިމާގެ ރިޒުޤު ތަނަވަސްވެ، ޢުމުރު ދިގުވުމަށް (އެބަހީ ޢުމުރުގައި ބަރަކާތްލެއްވުމުން) އުފާކުރާ މީހާ، ފަހެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ. މީގެ އިތުރުން ހުތުބާގައި ބުނީ ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރިކަމެއް ކަމަށާއި، އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި މި ކަމާ ގުޅޭ ގޮތުން މާތް ނަބިއްޔާ ދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނީ ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެ ކަމަށެވެ.