ޤާނޫނީ ވަކީލުކަމުގެ ހުވާ 9 ބޭފުޅަކު ކުރައްވައި ވަކީލުކަމުގެ ހުއްދަ ހާސިލުކުރައްވައިފިއެވެ.

ވިލާ ކޮލެޖް ކެމްޕަސް ހޯލްގައި މިކަމަށްޓަައި ބޭއްވި ރަސްމިއްޔާތުގައި ވަކީލުކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުހައްމަދު ސަލީމެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށްޓަކައި ވިލާ ކޮލެޖް ކެމްޕަސް ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަކީލުކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ.

އަލަށް ގާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި 9 ބޭފުޅުންނަށް ހުވައިލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ހުސައިންއެވެ.

މި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސަލީމް ދެއްކެވި ވާހަކަފުޅުގައި، ގާނޫނީ އިލްމަކީ ބޮޑު މަސްއޫލިއްޔަތެއް އެކުލެވޭ އެއްޗެއްކަން ފާހަގަކުރައްވައި، ޢަދުލު އިންޞާފު ގާއިމުކުރުމަށާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޝަރުއީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށާއި، ކޯޓުތަކުގެ ޙުރުމަތް ރައްކާތެރިކުރުމުގައި ވަކީލުންގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު ޙުސައިން ސިރާޖް ވިދާޅުވީ، ވަކީލުކަމުގެ ހުވަޔަކީ ގާނޫނުއަސާސީއާއި ގާނޫނު ނަގަހައްޓައި، އަމާނާތްތެރިކަމާއެކު ވާޖިބުތައް އަދާކުރުމަށް ވެވޭ ވަރުގަދަ ޢަހުދެއް ކަމަށެވެ. އަދި މުވައްކިލުންގެ ސިއްރު ހިފެހެއްޓުމާއި ސުލޫކީ މިންގަނޑުތަކަށް އިޙްތިރާމްކުރުމުގެ އިތުރުން، ޤާނޫނީ އެހީތެރިކަމަށް ބޭނުންވެފައިވާ ނިކަމެތިންނަށް ހިލޭ އެހީތެރިކަން (ޕްރޯ-ބޯނޯ) ފޯރުކޮށްދިނުމަށް ސިރާޖް ވަނީ ގޮވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންގެ އިތުރުން، ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ލޯ ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަލަށް ހުވާކުރެއްވި 9 ވަކީލުންނާއެކު، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލުން މިހާތަނަށް ވަނީ 572 ފަރާތަކަށް ވަކީލުކަމުގެ ހުއްދަ ދޫކޮށްފައެވެ. އަދި ރާއްޖޭގެ ވަކީލުންގެ ދަފްތަރުގައި މިހާރު ތިއްބެވި ޖުމްލަ ވަކީލުންގެ އަދަދަކީ 1985އެވެ.