ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު ފަރުވާ ހޯދަން އައިޖީއެމްއެޗަށް ދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ސްޓްރޯކަށް މީހުން ހޭލުންތެރިކުރުވަން މާދަމާ ބާއްވާ ހަރަކާތަކާ ގުޅިގެން، އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި، އެ ހޮސްޕިޓަލްގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ވިދާޅުވީ، ސްޓްރޯކް ޖެހިގެން ހަތަރު އަހަރުގެ ތެރޭގައި 500 އެއްހާ މީހުން މަރުވެފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" ނޫހުން ހުށަހެޅި ސުވާލުތަކަށް އެ ހޮސްޕިޓަލުން މީގެ ކުރިން ދިން ޖަވާބުގައި ބުނީ، ސްޓްރޯކް ޖެހިގެން 2022 ވަނަ އަހަރުން ފެށިގެން މިދިޔަ ޑިސެމްބަރު 15ގެ ނިޔަލަށް 493 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 2024 ވަނަ އަހަރު އެކަނި ވެސް ސްޓްރޯކްގައި 151 މީހުން މަރުވި ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ވަނީ ދުނިޔޭގެ ސްޓްރޯކް ދުވަހާ ގުޅިގެން ލޭގެ ޕްރެޝަރާއި ލޭގައި ހަކުރު ހުރި މިންވަރު އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ހިލޭ ޗެކް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 4:00 އިން ހަވީރު 6:00 އަށް، އާޓިފިޝަލް ބީޗުގައެވެ.

ސްޓްރޯކްގެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހަށިގަނޑުގެ ބެލެންސް ގެއްލުން، ބޯއެނބުރުން ނުވަތަ ހިނގަން އުނދަގޫވުން، ކުއްލިއަކަށް އެއްލޮލުން ނުވަތަ ދެލޮލުގެ ފެނުން ފުސްވުން ނުވަތަ ޑަބަލްކޮށް ފެނުން ހިމެނެއެވެ. އަދި ހިނިތުންވެލާއިރު މޫނުގެ އެއްފަރާތް ވާގިނެތުން ނުވަތަ އެއްކޮޅަށް ތިރިވެފައި ހުރުން އަދި އަތް ނުވަތަ ފައިގެ ވާގިދިއުން ހިމެނެއެވެ. މީގެ އިތުރުން ދެއަތް މައްޗަށް ހިއްލާލާއިރު އެއް އަތް ތިރިއަށް ވެއްޓުން އަދި ވާހަކަދައްކާއިރު ދޫ އޮޅުން، ނުވަތަ ބުނާ އެއްޗެހި ސާފުނުވުން އަދި މީހުން ދައްކާ ވާހަކަ ވިސްނައިގަންނަން އުނދަގޫވުން ސްޓްރޯކުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ.

ސިކުނޑި އާއި ނާރުގެ ބަލިތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަހުމަދު ރަޝީދު ވިދާޅުވާ ގޮތުގައި ސްޓްރޯކް ޖެހިއްޖެ ނަމަ އެކަމުން ސަލާމަތްވުމަށް އެންމެ މުހިންމު ކަމަކީ އަވަސް ފަރުވާ ދިނުމެވެ. އަދި ސްޓްރޯކް ޖެހޭތާ ލަސްވެގެން ހަތަރު ގަޑިއިރާ 30 މިނެޓު ތެރޭގައި ފަރުވާ ފެށިއްޖެނަމަ، އެ މީހާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.