ތިލަމާލެ ބްރިޖުގެ ވިލިމާލެ އާއި ގުޅިފަޅާ ދެމެދުގެ އެންމެ ފަހު ސެގްމެންޓާ އެކު، ވިލިމާލެ އާއި ގުޅިފަޅު ގުޅުވާލައިފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލެއާއި ގުޅީފަޅު ގުޅުވައިދޭ ބްރިޖުގެ އެންމެ ފަހު ބައިގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އޭގެއިތުރުން ވަޒީރު ވަނީ އެ ކާމިޔާބީއަށް އެފްކޮންސް، އަރޫޕް އަދި އެމްއައިއެޗްޔޫޑީގެ ޓީމަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ ކާމިޔާބީ ހާސިލް ކުރުމުގައި އިންޑިއާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށްވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބްރިޖު މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް އޮގަސްޓްމަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ. އެއީ 2.2 ކިލޯމީޓަރުގެ ބުރިޖެކެވެ.

ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބުރިޖަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބުރިޖަކަށް ވާއިރު، އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހުއެވެ.

މީގެ އިތުރުން، ގުޅީފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާއިރު، ތިލަފުށީގައި ކުރިއަށް ދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެންޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ.

އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މުޅި މި މަޝްރޫއަށް 500 މިލިޔަން ޑޮލަރު ހޭދަވާ އިރު އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. އަދި މި މަޝްރޫއަށް ދިވެހި ސަރުކާރުންވެސް ހަރަދު ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މި މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގައެވެ.