ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި، އެސް.އެމް.އީ ސްޓާޓަޕް ތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާނެކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައިބަދަ. ދިވެހި ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައި ހުންނާނީ، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ ނިޔަތުގައި، އަދި ރާއްޖޭގެ އިޤްތިސާދުގެ ދުވެލި ހަލުވިކޮށްދޭނެ އަޒުމެއްގައި ހުރި ދިވެހި ދަރިއެއް.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު

ވަޒީރު ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ، ޓެކުހަށް ކޮމްޕްލައިވުމަށް ކުރިމަތިވާ ބުރަ ލުއިކޮށްދިނުމަށާއި، އެ ވިޔަފާރިތައް ކުރިއަރައި، އިގުތިސާދުގައި އެ ފަރާތްތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި، 01 ޖަނަވަރީ 2027 އިން ފެށިގެން އަމަލުކުރާގޮތަށް، ޖީއެސްޓީ އަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އިއުލާނު ކުރައްވާފައިކަމަށެވެ.