ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކަށް މިއަދުން ފެށިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދާއި ފަޅުތެރެ ވަކިގަޑިތަކެއްގައި ބަންދުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާކަމަށްވެ.

އެގޮތުން 15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަހައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މި ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވާފައެވެ.