ބ. އޭދަފުށީގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ހައްސަ ރަސްމިއްޔާތުގައި، މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑޮކްޓަރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމްގެ އިތުރުން އޭދަފުށީ ކައުންސިލްގެ ރައީސް ޝާމީ އިބްރާހީމެވެ.
އޭދަފުށީގައި ބިނާކުރާ ދެ ބުރީގެ އިސްލާމީ މަރުކަޒަކީ އެއްފަހަރާ ގާތްގަނޑަކަށް 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއެކު، އިސްލާމީ ތައުލީމާއި، ދީނީ ހަރަކާތްތަކާއި، އިޖުތިމާއީ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އެކުލެވިގެންވާ ގޮތަށް ބިނާކުރެވޭ މަރުކަޒެކެވެ.
މި މަރުކަޒުގައި މަލްޓިޕަރޕަސް ހޯލަކާއި، 3 ކްލާސްރޫމާއި، އިސްލާމީ ތުބުހާނާއަކާއި، އިދާރީ އޮފީހަކާއި، ހާއްސަ ހިފްޒް ކްލާސްރޫމެއްގެ އިތުރުން އެކަށީގެންވާ ހިނަވާގެއެއް ހިމެނޭނެއެވެ. މި ވަސީލަތްތަކުގެ މަގުސަދަކީ، މި މަރުކަޒަކީ އިސްލާމީ ތައުލީމު އުނގަންނައިދިނުމާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމާއި، އޭދަފުށީގެ ރައްޔިތުންނަށް ބޭނުންވާ ދީނީ ހިދުމަތްތައް ފޯރުކޮށްދޭ ފުރިހަމަ ދީނީ އަދި ތައުލީމީ މަރުކަޒަކަށް ހެދުންކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ބުނެއެވެ.