އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން ވެސް ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މޮޅު ނުވުމުގެ ސިލްސިލާ ދިގުލައިފިއެވެ.
މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޔުނައިޓެޑް ޕްރިމިއާ ލީގުގައި މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަތި ހަތަރު މެޗުން ބަލިވި އިރު، އަނެއް ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ.
ޗެލްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ވަނީ، ޔުނައިޓެޑުން މެޗަށް ނުކުންނަނީ ސީދާ ތިން ޕޮއިންޓް ހޯދަން ކަމަށް ބުނެފައެވެ. ނަމަވެސް އެ ޓީމު ވަނީ މިރޭ ޗެލްސީ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ޗެލްސީގެ ދަނޑު، ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގެ ދެވަނަ ހާފުގެ ފަސް ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ މޯގަން ރޯޖާސް އެވެ.
އޭގެފަހުން، މެޗުގެ 63 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ލިސާންދްރޯ މާޓިނޭޒް ކުރި ފައުލަކާ ގުޅިގެން ޗެލްސީއަށް ޕެނަލްޓީއެއް ދީ، މާޓިނޭޒްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ.
އެ ޕެނަލްޓީ ކާމިޔާބުކޮށް ޗެލްސީގެ ލީޑު ފުޅާކޮށްދިނީ ކޯލް ޕާމާ އެވެ.
މި ބައްޔާއެކު، ނުވަ މެޗުން އެންމެ ހަތް ޕޮއިންޓް ލިބިގެން ޔުނައިޓެޑް މިވަގުތު އޮތީ ލީގުގެ 16 ވަނައިގައެވެ. އަދި މެޗުން މޮޅުވި ޗެލްސީ އޮތީ 16 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.
ޕްރިމިއާ ލީގުގައި ދަށް ހާލަތެއްގައި އޮތް ޔުނައިޓެޑް، ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން، ކޯމޯ އާއި އެތުލެޓިކޯ މެޑްރިޑް އަތުން ވެސް ބަލިވެފިވާކަން ފާހަގަކޮށްލެވެއެވެ.
މި ނަތީޖާތަކާއެކު ޔުނައިޓެޑްގެ ކޯޗު ކެރިކްގެ މުސްތަގްބަލާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.