ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށާއި މޯލްޑިވްސް އެކްސްޕޯ އަށް އެވްރެޖުކޮށް ދުވާލަކު 41،000 މީހުން ޒިޔާރަތް ކުރާކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއި ވަޒީރު ވިދާޅުވީ، މި މައުރަޒަށް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، އެގޮތުން މިހާހިސާބަށް ޖުމްލަ 205،000 މީހުން މި މައުރަޒަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

10 އަހަރުގެ މެދުކެނޑުމަކަށްފަހު 2025 ވަނަ އަހަރު މިމަޢުރަޒާއި އެކްސްޕޯ ވިލުންތެރި ވިސްނުންތަކާއި އެކު ވަރަށް ފުޅާދާއިރާއެއްގައި މިހާރު ބާއްވަމުންދާ ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އަހަރުން އަހަރަށް މިމައުރަޒު ކުރިއަށްގެންދާ ގޮތް ވެސް ގެންދަނީ ތަރައްގީ ކުރަމުން ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުން މިފަދަ ބޮޑު އެކްސްޕޯއެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ހޯދައިދިނުން ކަމަށެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އަމާޒެއް ކަމަށްވާ، 2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުމަށް ކުރެވޭ މަސައްކަތްތަކަށް މި އެކްސްޕޯގެ ސަބަބުން ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި އަހަރުގެ މައުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,400 އުފެއްދުން ބައިވެރިކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު އުފެއްދުންތަކުގެ އަދަދަށް ބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރު 240 ފަރާތަކުން ގާތްގަނޑަކަށް 2,467 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތައުލީމީ ދާއިރާއާއި ޖަމިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ. މި މައުރަޒުގައި ދައްކާލާ އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތަކެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި އެކްސްޕޯގެ އެންމެ ގިނަ އުފެއްދުން ހިމެނެނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުން ގިނަ އަދަދެއްގެ އުފެއްދުންތައް ވަނީ ހުށަހަޅާފައެވެ. މިއަހަރުގެ އެކްސްޕޯ ހާއްސަ 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މިއީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދީ މާކެޓުގެ އައު ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

މިއަހަރުގެ މައުރަޒުގައިވެސް ވާދަކުރުމުގެ ބައިގައި ތަފާތު އެކި އުފެއްދުންތައް ފެނިގެންދާނެއެވެ. އަދި ކުރީ އަހަރެކޭ އެއްގޮތަސް މި އަހަރުވެސް މި ބަަޔަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، މިފަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި 298 އެވޯޑެއް ވަނީ ދީފައެވެ.