މަސްތުވާތަކެތީގެ މައްސަލައެއްގައި ތިނަދޫ އިން 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށް، ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ މިނިވަންއައްސޭރި، އުމުރުން 36 އަހަރުގެ އަޙްމަދު ހާޝިމް އާއި، ގދ. ތިނަދޫ / ވެހަފުލާ، އުމުރުން 25 އަހަރުގެ އަތޫފް އަޙްމަދު އާއި، ގދ. ތިނަދޫ / ވިލާޑީލައިޓް، އުމުރުން 42 އަހަރުގެ ނާޖިދު ޢަބްދުﷲގެ އިތުރުން ގދ. ގައްދޫ / ފުސްފަރާގެ، އިމުރުން 18 އަހަރުގެ މުޙައްމަދު ޝާއިފް ޖަލީލް އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އޮކްޓޫބަރު 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 6.3 ގުރާމު ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. ފުނަދޫއިން ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ / ނީލުވިލާ، އުމުރުން 30 އަހަރުގެ ޢާދަމް ފަތުޙީއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

އޮކްޓޫބަރު 29 ވަނަ ދުވަހު ފުނަދޫ ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 5.15 ގުރާމު ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.