މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތައް އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމިއްލަ ސިއްހީ ތަންތަނުން ހިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނެގުމަށް ނިންމައިފިއެވެ.
ސިއްހަތާއި، އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދައުލަތުގެ ޞިއްޙީ އިންޝުއަރަންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި، މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި އަމިއްލަ (ޕްރައިވެޓް) ޞިއްޙީ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމަށް، 1 ޖެނުއަރީ 2027 އިން ފެށިގެން ޢަމަލުކުރަން ފަށާނެ ކަމަށެވެ.
އެ ވުޒާރާއިން ބުނީ، އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފައިވާއިރު، ސިއްހީ ވުޒާރާ އިން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުން ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް އެ ވުޒަރާއިން ވަނީ ބުނެފައެވެ.
ސިއްހީ ވުޒާރާއިން ބުނީ، ސަރުކާރުގެ ފެސިލިޓީތަކުން ޚިދުމަތް ހޯދާއިރު، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި ވެސް އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ފުރިހަމަ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.
އާމްދަނީ ބޮޑު ނަމަވެސް، ޤައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް މި އުޞޫލުން އިސްތިސްނާކޮށްފައިވާ ކަމަށް ވެސް ސިއްހީ ވުޒާރާއިން ބުނެއެވެ.
އެގޮތުން އިސްތިސްނާވާ ފަރާތްތަކަކީ، ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންގެ އިތުރުން އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުންނެވެ.
ސިއްހީ ވުޒާރާއިން ބުނީ، މިއީ އާސަންދަ ނިޒާމު ހަރުދަނާކުރުމަށާއި އިސްރާފު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށެވެ.
މި ނިންމެވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ މި ސިޔާސަތަށް ގެންނަ އިޞްލާޙީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
މިގޮތަށް ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާޢީ ތަރައްޤީއަށް ހޭދަކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.