އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާއި ދެކޮޅަށް ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ތިންވަނަ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ އޮކްޓޫބަރު 27 އިން 28 އަށް، އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައެވެ.

އަޒަރުބައިޖާނުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކުރި މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްގެ އިތުރުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙެވެ.

އޭސީސީން ބުނީ އޯއައިސީގެ މެންބަރު އަދި އޮބްޒާވަރު 46 ޤައުމަކާއި ބައިނަލްއަޤްވާމީ 8 ޖަމްޢިއްޔާއަކުން 250 އަށްވުރެ ގިނަ މަންދޫބުން އެ ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަމަށެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އޯއައިސީ ޤައުމުތަކާއި ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުން ކަމަށް އޭސީސީން ބުނެއެވެ.

މިގޮތުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން މި މަސައްކަތުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނު އެއް ކަމަކީ، 2023 ވަނަ އަހަރު އޯއައިސީގެ މެންބަރު ޤައުމުތަކުން އެކުލަވާލި ކޮރަޕްޝަނާ ދެކޮޅަށް ޤާނޫނު ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމާ ގުޅޭ "މައްކާ އަލްމުކައްރަމާ ކޮންވެންޝަން" އަށެވެ. މި ކޮންވެންޝަނަކީ މަޢުލޫމާތު ބަދަލުކުރުމާއި، އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ދިނުމާއި، ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ މުހިންމު އޮނިގަނޑެކެވެ. މި ކޮންވެންޝަންގައި މެންބަރު ޤައުމުތަކުން ސޮއިކޮށް، ތަޞްދީޤުކޮށް، އެ އުޞޫލުތައް ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރިއެވެ.

ެއޭސީސީން ބުނީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ އިދާރާތަކާއެކު ގުޅުން ބަދަހިކުރުމާއި، ދެފުށް ފެންނަ، ނަޒާހަތްތެރި ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މި ބައްދަލުވުމުގެ ސަބަބުން އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.