ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕޯސްޓްގެ ވިއުގައިގެ ތެރެއިން ބާޒާރު ހޯދައިދިނުމަށާއި ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ ޕޯސްޓްގެ އިދާރާ ކަމުގައިވާ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް ގުޅިގެން އެމް.އެސް.އެމް.އީ ސެކްޓަރަށް އަމާޒުކޮށް ހިންގާ ދިރާސީ މަސައްކަތްތަކެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ގުޅިގެން ފަށައިފިއެވެ.

މިކަމަށްޓަކައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި މިއަދު ބޭއްވުނު އިފްތިތާހީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޑރ. އަބްދުﷲ ނަޒީރުއެވެ. އިފްތިތާހީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މި މަސައްކަތްތައް ކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި ތާއީދު މިނިސްޓްރީގެ ފަރާތުން ލިބޭނެ ކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ ޤާނޫނީ، ރެގިއުލޭޓަރީ މާޙައުލެއް ޤާއިމުކޮށް، ގުޅުންހުރި މުއައްސަސާތައް ގުޅުވައިގެން، ދިރާސާއިން ހޯދޭ ނަތީޖާތައް ޢަމަލީ ފިޔަވަޅުތަކަކަށް ބަދަލުކުރުމަށް މިނިސްޓްރީން ޖާމިނުވެފައިވާ ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.

ޑރ. ނަޒީރު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" އާއި "ޑިޖިޓަލް-ފަސްޓް ނޭޝަން" ގެ ވިސްނުމާ އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. ރަށެއްގައި ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރަކާ ހަމައަށް ދިއުމަކީ ހަމައެކަނި އޮންލައިން ފިހާރައެއް ހުޅުވުމެއް ނޫން ކަމަށާއި، ފައިސާ ލިބުމާއި، ޓްރާންސްޕޯޓޭޝަނާއި ލިޔެކިޔުން ބެލެހެއްޓުމާއި ކަސްޓަމްސް މުޢާމަލާތްތަކާއި އިތުބާރާއެކު ޑެލިވަރީ ވެސް ހަމަޖެހެން ޖެހޭކަމާއި އޯޑަރެއް ފުރިހަމަ ކުރުމަށް ބޭނުންވާ ތަކެތި ގަނެވޭނެ ނިޒާމެއް ގާއިމުވާންޖެހޭނެ ކަމަށްވެސް ޑރ. ނަޒީރު ވިދާޅުވިއެވެ. މި ޚިދުމަތްތައް ފުރިހަމަކަމާއެކު ލިބެންނެތްނަމަ މިކަމުގެ، އެންމެ ބޮޑު ބުރައެއް އުފުލަން ޖެހެނީ އެންމެ ކުދި ވިޔަފާރިތަކަށް ކަމަށް ވިދާޅުވެ، މި އިސްނެގުމުގެ ތެރެއިން ޕޯސްޓަލް ޚިދުމަތްތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި އިސްލާމިކް ފައިނޭންސިން ހިމެނޭހެން މާލީ ޚިދުމަތްތައް އެއްތަނަކަށް ގެނެވޭނެ ކަމަށް ވެސް ޑރ. ނަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޯސްޓް، މޯލްޑިވްސް ކަސްޓަމްސް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ މަސްޢޫލިއްޔަތުތައް ހިމެނޭ މިނިސްޓްރީގެ ހައިސިއްޔަތުން، މި މަސައްކަތުގައި މުހިންމު ކޯޑިނޭޓިންގ ދައުރެއް އަދާކުރާނެ ކަމަށްވެސް ޑރ. ނަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލް-ފަސްޓް ނޭޝަންގެ ތަސައްވަރުގެ ދަށުން، އަމާޒަކީ ކޮންމެ ރަށެއްގައި ތިބި ވިޔަފާރިވެރިންނަށް ވެސް ވިޔަފާރިއެއް ބިނާކޮށް، އައު ބާޒާރުތަކަށް ވާސިލުވެ، ޤައުމީ ތަރައްޤީއަށް ހިއްސާވުމުގެ ހަމަހަމަ ފުރުޞަތު ލިބިދިނުން ކަމަށް ނަޒީރު ވިދާޅުވިއެވެ. މީގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހަމަ ހަމަ ފުރުޞަތުތަކެއް ގޭގައި ތިބެގެން މަސައްކަތްކުރާ ކަނބަލުންނާއި ޒުވާން ވިޔަފާރިވެރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުދި ވިޔަފާރިތަކަށް ލިބިދިނުމުގެ މުޙިއްމުކަމަށް ނަޒީރު އަލިއަޅުއްވާލެއްވިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދިންގޮތުގައި 1 ނޮވެމްބަރުން ފެށިގެން 5 ދުވަހުގެ މުއްދަތަކަށް ކަމާބެހޭ ޕޮލިސީ އަދި ރެގިއުލޭޓަރީ އިދާރާތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު ކުރެވޭ މަޝްވަރާތަކުގެ އަލީގައި އެމް.އެސް.އެމް.އީ ސެކްޓަރަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށް ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްތަކެއް އެކުލަވާލެވޭނެއެވެ. ދިވެހިރާއްޖޭގައި މިކަން ތަންފީޒުކުރުމުގެ މަސައްކަތް ޔުނިވާރސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީ.ޔޫ) އާއި ގުޅިގެން ކުރިއަށް ގެންދާނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުންނެވެ. އެގޮތުން އެކްސްޕާޓް ޓީމެއް 1 ނޮވެމްބަރުން 5 ނޮވެމްބަރު 2026 އަށް ރާއްޖެއަށް ޒިޔާރަތްކުރައްވައި މި ދަތުރުގައި ސަރުކާރުގެ ޕޮލިސީ އަދި ރެގިއުލޭޓަރީ އިދާރާތަކާއި، ކަމާގުޅޭ އެހެނިހެން ފަރާތްތަކާއެކު ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމާއި އިޤްތިޞާދީ ކުރިއެރުމަށް ޕޯސްޓަލް ނެޓްވާރކް ގެ ތެރެއިން ހުރި ފުރަސަތުތަކާއި އެސް.އެމް.އީ ސެކްޓަރަށް އީކޮމަރސްގެ ދާއިރާއިން ފުރަސަތުތައް ފަހިކޮށްދިނުމުގައި ޕޯސްޓަލް ސެކްޓަރަށް އަދާކުރެވޭނެ ދައުރާއި ޢަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. މީގެ މަގުސަދަކީ ޕޯސްޓަލް ނެޓްވާރކް ބޭނުންކޮށްގެން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދިވެހިރާއްޖެއާއި ބައިނަލްއަޤުވާމީ ހުރިހާ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުޞަތު ފުޅާކުރުމާއި ޓެކްނޮލޮޖީގެ ދާއިރާއިން ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އީކޮމާސްއާއި ލޮޖިސްޓިކްސްއާއި ޑިޖިޓަލް ޗެނަލްތަކުން އިމެއްނެތި ހުރި ފުރުޞަތުތަކާއި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންގެ އެކްސްޕާޓް ޓީމްގެ މެމްބަރުންނާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުގެ އިސްވެރިންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވްއާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އިފްތިތާހީ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް މަރުހަބާ ކިއުމާއި ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަފީގު ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްގީގައި ޕޯސްޓްގެ ދައުރުގެ މައްޗަށް ބައްލަވާލައްވައި ކޮމިއުނިކޭޝަންގެ އަސާސީ ވަސީލަތެއްގެ ގޮތުގައި ފަރުދުންނާއި ވިޔަފާރިތަކާ އަދި ރާއްޖެއާ ރާއްޖޭން ބޭރާ ގުޅުވައި ދިނުމުގައި ޒަމާންތަކަކަށް މުހިންމު ދައުރެއް ޕޯސްޓު އަދާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ މުވާސަލާތީ ނިޒާމަށާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، ބަދަލުވަމުންދާ ކޮމިއުނިކޭޝަން މާކެޓްގެ ބޭނުންތަކާ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތަކާއި އޮޕަރޭޝަން ހަރުދަނާކޮށް ތަރައްގީކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް އީޓުކުރިއާއި ކޮމިއުނިޓީ އޮންލައިން ޝޮޕް ފަދަ ޑިޖިޓަލް ޕްލެޓްފޯރމްތައް ގާއިމްކުރެވިފައިވާ ކަމަށާއި މިފްލެޓްފޯރމްތައް މެދުވެރިކޮށް އުފެއްދުންތެރިންގެ މުދާ ގަނެވިއްކޭނެ އޮންލައިން ބާޒާރެއް ގާއިމްކުރެވިފައިވާ ކަމަށާއި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ގްލޯބަލް ޕޯސްޓަލް ނެޓްވާރކް މެދުވެރިކޮށް ރާއްޖޭންބޭރުން ބާޒާރު ހޯދައި ދިނުމުގައި ޓްރޭޑް ފެސިލިޓޭޓަރެއްގެ ދައުރުގައި މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާކަމަށް އެމްޑީ ވިދާޅުވިއެވެ.

ޕޯސްޓަލް ނެޓްވާރކް މެދުވެރިކޮށް ދިވެހިރާއްޖެ ދުނިޔެއާ ގުޅުވާލަދިނުމުގައި މޯލްޑިވްސް ޕޯސްޓުން މުހިންމު ދައުރެއް އަދާކުރަމުން އަންނައިރު، "ޕްރޮސްޕަރ އެމް.އެސް.އެމް.އީސް" ފަދަ އިނިޝިއޭޓިވްއެއްގެ ތެރެއިން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަޤުވާމީ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުޞަތު ފުޅާކޮށްދީ، ރާއްޖޭގައި ވިޔަފާރި ފަސޭހަކޮށްދިނުމުގައި ލީޑިންގ ޓްރޭޑް ފެސިލިޓޭޓަރެއްގެ ދައުރު އިތުރަށް ފުޅާކުރުމަކީ ޕޯސްޓް ލިމިޓެޑްގެ އަމާޒެވެ.