ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުންދާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، އެ މަޝްރޫއަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށް އެމްޑީޕީގެ ޗެއާޕަސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލަން ފާސްކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހުންނެވީ އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި، ނަމަވެސް ބައެއް ބޭފުޅުން އެ މަނިކުފާނުގެ ނަން ގެންނެވުމުން އެ މައުލޫއަށް އެއްޗެއް ދަންނަވަން ޖެހުނީ ކަމަށެވެ.
އެގޮތުން އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ހާމަކުރައްވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޖަލްސާގައި ތިއްބެވި އެންމެނަކީ ވެސް ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ވަޒަންވެރިވެގެން އުފެދިފައި އޮތް އާބާދީއެއްގެ ފަހުރުވެރި ދިވެހި ދަރީން ކަމަށެވެ.
އެހެން ކަމުން ރަސްމާލެ މަޝްރޫއާއި ޒަޔަނިސްޓުންނާ ގުޅުވައި އަދި ދީނާ ގުޅުވައި ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން ނަޝީދު ވަނީ މުސްތަގުބަލުގައި ވެދާނެ ކަމަށް ހީވާ ކަމަކާ ގުޅުވައިގެން ޖަލްސާގައި ސާބިތުނުހިފޭ ވާހަކަތައް ނުދެއްކެވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވެވަޑައިގެންނެވި ގާތްގަނޑަކަށް ހުރިހާ މެމްބަރުން ވެސް އެ މަޝްރޫއާ ދެކޮޅަށް ހިޔާލު ފާޅުކުރެއްވިއިރު، އޭގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒް އިސްމާއީލް އަދި އަބްދުﷲ ޝާހިދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒް ސައީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތާއީދުކުރެއްވި މި ގަރާރުގައި ބަޔާންކޮށްފައިވަނީ، ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް، ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު 21 ސެޕްޓެމްބަރު 2026 ގައި ކޮމާޝަލް ޓާމްސް އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރުގެ މުއްދަތަށް ދޭން ނިންމާފައިވަނީ އެއްވެސް އެކުއިސިޝަން ކޮސްޓަކާ ނުލައި އަދި ބިން ދޫކޮށްފައި އޮންނަ މުއްދަތުގައި އެއްވެސް ކުއްޔެއް ނުހިނގާ ގޮތަށް ކަމަށް ވެސް ގަރާރުގައިވެ އެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކާފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެންނެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތަށް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް، މި ބިމުން ބޮޑު ސަރަހައްދެއް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއާ މެދު ވެވޭ ހިޔާނާތެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މި މަޝްރޫއު ހިންގުމަށް އީގަލް ހިލްސް ކުންފުނި ހޮވާފައިވަނީ ގާނޫނީ އުސޫލުތަކުގެ ބޭރުން ކަމަށް ބެލެވޭ ސަބަބުތައް ގަރާރުގައި ތަފުސީލުކޮށްދީފައިވެއެވެ.