ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ "އާރުވެރި" މެޗިންގ ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ މި ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ ފަސް ދާއިރާއަކީ:

  1. މަސްދޯނިފަހަރުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރެވޭނެ ނިޒާމުތައް ގާއިމް ކުރުމަށް ދޭ ގްރާންޓް

  2. ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އުމުރާނީ ތަރައްގީއަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ލައިސަންސް ލިބިގެން ހިނގާ ދަނޑުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ނިޒާމްތަކާއި، އުމްރާނީ ތަރައްޤީކުރުމަށް ދޭ ގްރާންޓް
  3. މެރިކަލްޗަރ ދާއިރާއިން އަލަޑް ފަށައިގަންނަ އަދި މިހާރުވެސް އެ ވިޔަފާރި ކުރަމުންދާ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ތަރައްޤީކުރުމަށް ދޭ ގްރާންޓް
  4. މަހުގެ ބާވަތްތަށް ޕްރޮސެސްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް ބާރުވެރިކޮށްދޭ ތަރައްޤީގެ މަޝްރޫޢު ހިންގުމަށް ދޭ ގްރާންޓް
  5. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި އުފެއްދުންތައް އިތުރުކުރުމާއި، ސިންދަފާތުކުރުމަށް މަގުފަހިކޮށްދިނުމަށް ދޭ ގްރާންޓް

މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، ނަފާވެރި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް މި ސްކީމްގެ ދަށުން ހިމެނެއެވެ.

މި ގްރާންޓަށް 30 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އާރުވެރި ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. އަދި އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ސަރުކާރުން ބުނެއެވެ. މި ސްކީމްގެ ދަށުން ހާއްސަ 7 ދާއިރާއަކަށް އިސްކަންދެވިފައިވާއިރު، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.