ކުދި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ދުރު ރާސްތާގެ، ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ކަށަވަރުކުރުމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތުކުރުން ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ކޮމަންވެލްތުގައި ހިމެނޭ ކުދި ގައުމުތަކުގެ ކޮންފަރެންސްގައި ރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމު އާދަމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ ލޮޅުންތަކުން ކުދި ގައުމުތަކުގެ އިގުތިސާދުތަކަށް ނޭދެވޭ އަސަރުތައް ކުރާ ކަމަށެވެ.
އެގޮތުން ވަޒީރު ވަނީ އެފަދަ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަަކަށް ފައިސާ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި މުހިއްމު އިންވެސްޓުމެންޓުތައް ހޯދުމަށް އޮންނަ ޖާގަ ވަރަށް ބޮޑަށް ހަނިވާކަން ފާހަގަކުރެއްވާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ފެށުމުގައިވެސް މަހުދޫދު ވަސީލަތްތަކަށް އޮންނަ ފިއްތުން ބޮޑުވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގައުމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތައް ފުޅާކުރުމަށާއި، ފަންނީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވަނީ ރާއްޖޭގެ "މޯލްޑިވްސް ފަސްޓް" ހާރިޖީ ސިޔާސަތުގެ ދަށުން، އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރާނީ ގައުމުގެ އިސްތިގްލާލަށާއި އިސްކަންދޭ ކަންކަމަށް އިޙްތިރާމްކޮށްގެން ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ވަޒީރު ވިދާޅުވީ، ކޮމަންވެލްތުގެ އެއްބާރުލުން އޮންނަންވާނީ ސާފު އަމާޒުތަކަކާއި، ވަޒަންކުރެވޭ ނަތީޖާތަކެއްގެ މައްޗަށް ބިނާވެގެން ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ނިންމާ ނިންމުންތަކުގައި ކުދި ގައުމުތަކުގެ ތަމްސީލުވުން އޮތުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، 2028 އިން 2030 އަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް އަދި 2033 އިން 2034 އަށް އދ. ގެ ސެކިއުރިޓީ ކައުންސިލަށް ރާއްޖެއިން ކުރިމަތިލާފައިވާކަން ވަޒީރު ހަނދާން ކޮށްދެއްވިއެވެ.
ވަޒީރު ވިދާޅުވީ، މިފަދަ މާހައުލެއް ގާއިމުކުރުމަށް ބޭނުންވަނީ ވަކާލާތުކުރާ ކަންކަން ތަންފީޒުކުރެވުމާއި ނަތީޖާ ނެރެވޭ ގޮތަށް އިންވެސްޓުމެންޓުތައް ރާއްޖެ ފަދަ ގައުމުތަކަށް ލިބުން ކަމަށެވެ. އަދި ކުދި ގައުމުތަކުގެ ހައްގުގައި ވަކާލާތުކުރުމަށް ހުރި ފުރުސަތުތަކާމެދު ހޭލުންތެރިކަން އުފެއްދުމާއެކު، ކޮމަންވެލްތުގެ ނިޒާމަކީ ކުދި ގައުމުތަކަށް މިހާރަށްވުރެ ފަހި ނިޒާމަކަށް ހެދުމަށް ވެސް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ކުދި ގައުމުތަކަށް މާލީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ތަރައްގީގެ ބައިވެރިންގެ ފަރާތުން ލިބޭ އިންވެސްޓުމެންޓުތަކަކީ، އެ ގައުމުތަކުގެ އިގުތިސާދީ ވިލުންތެރިކަން އިތުރުކުރުމަށް އެންމެ މުހިންމު ދާއިރާތައް ކަމުގައިވާ މޫސުމީ ބަދަލުތަކަށް ހޭނުމާއި ޑިޖިޓަލް ނިޒާމުތައް ހަރުދަނާކުރުމާއި، އިއާދަކުރަނަވި ހަކަތައަށް ބަދަލުވުން ފަދަ ކަންކަމަށް ކުރެވޭ އިންވެސްޓުމެންޓުތަކަކަށްވުން މުހިންމުކަން ވެސް ވަޒީރު ވަނީ ފާހަގަކުރެއްވާފައެވެ.