ދެފުށްފެންނަ އަދި މާނަހުރި ގޮތެއްގައި މަޝްވަރާކުރުމެއް ނެތި މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިން ބޭނުންކުރުމާ ގުޅޭ ނިންމުންތައް ނިންމަމުންދާ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މި ނަމުގައި ރައްޔިތުންގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ހޯލްގައެވެ.

މި ބައްދަލުވުމުގައި ވީހާވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވުމަށް އެދި، މާލެ ސިޓީގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ސިޓީ ކައުންސިލުން ވަނީ ދައުވަތު އަރުވާފައެވެ.

މި ބައްދަލުވުން ބޭއްވުމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 22 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ގާނޫނާއި ގަވާއިދާ ހިލާފަށް ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކަންކަން ކުރަމުންދާނަމަ ސިޓީ ކައުންސިލުން އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށެވެ. އަދި ކައުންސިލް އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ ހައްގުގައި، ރައްޔިތުންނާ އެކުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން، ބިމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން ޢާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ބިންތައް ބޭރު މީހުންނަށް ވިއްކައި، އެ ބިންތަކުގައި އެކި ދީންތަކުގެ މީހުން އައިސް ނާޗަރަންގީ ކުޅޭކަށް ދިވެހި ރައްޔިތުން ބޭނުންނުވާ ކަމަށެވެ. ހަމައެއާއެކު، ރާއްޖޭގެ އެއްވެސް ތަނެއް ނުއަގުގައި ކުއްޔަށް ދޭންވެސް ދިވެހި ރައްޔިތުން އެއްބަސްނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ އަޑު އުފުލުމަށް މާދަމާ ރޭ އޮންނަ ބައްދަލުވުމުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް އާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.