އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި، ވާހަކަ ދައްކަން ކޮންމެ މެންބަރަކަށް 15 މިނިޓު އަދި ފިނޭންސް މިނިސްޓަރަށް 45 މިނިޓުގެ ފުރުސަތެއް ދޭން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގައި ބަޖެޓް ބަހުސްގައި މެންބަރުންނަށް ވާހަކަ ދައްކަން ދޭނެ ވަގުތާއި، ބަޖެޓު ބަހުސްގައި މެންބަރުން ދައްކާ ވާހަތަކުގައި އިތުރަށް ކަންކަން އޮޅުން ފިއްލުއްވުމަށް ފިނޭންސް މިނިސްޓަރާ ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް ދޭނެ ވަގުތެއް ކަނޑައަޅަން މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުމުގައި ހުށަހެޅުންތައް ހުށަހެޅުއްވީ، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އިބްރާހިމް ދީދީ ވިދާޅުވީ މިދިޔަ އަހަރުވެސް އެކަންތައް ކުރިއަށްގެންދިޔައީ އެގޮތަށް ކަމަށެވެ. މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާނު އަބޫބަކުރު ތާއީދުކުރެއްވި އިރު، އެ ގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސް ތަޅުމުގައި ބަޖެޓު ބަހުސް ފަށާނީ، ބަޖެޓް މަޖިލީހަަށް ހުށަހަޅާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުއެވެ.
އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ. މިއީ މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
މި އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. އެއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެެވެ.