ހުޅުމާލޭގައި ހިންގަމުން އަންނަ ރިވެލި ރެސްޓޯރެންޓު ހިންގާ ބިމަށް ކުލި ނުދެއްކުމުގެ ސަބަބުން އެއްބަސްވުން ބާތިލުކޮށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެ ބިން ނަގައިފިއެވެ.
ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަހައްދުގައި ހުންނަ ރިވެލި ބީޗް ކުލަބް އެންޑް ރެސްޓޯރެންޓަކީ އަތިރިމަތީގައި މޫދުގެ ހިތްގައިމު މަންޒަރުތައް ފެންނަން ހުންނަ ގިނަ ބައެއްގެ މެދުގައި މަގުބޫލު ރެސްޓޯރެންޓެކެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގެ ލޮޓް ނަމްބަރު 10877 ގައި ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑަށް އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ޚިދުމަތެއް ވެސް ނުދެވޭނެ ކަަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ އެ ނިންމުން ނިންމާފައި ވަނީ، ކުލި ނުދައްކައި ދިގު މުއްދަތެއްވެފައި ވުމުން ކަމަށެވެ.
މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދީފައިވާކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީން ބުނީ އެ ނިންމުމަކީ އާންމުންނަށް ޚިދުމަތް ދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާވެސް ފަހި ފުރުސަތުތަކެއް އަބަދުވެސް ފަހިކޮށްދިނުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.