ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ގެނެސް، ޚިދުމަތަށް ނެރެން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަނުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ނިލާ ކޮރެލްސްއާ ގުޅިގެންނެވެ.
މޯލްޑިވިއަނުން ބުނީ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ "ނިލާ ކޮރަލް އައިލެންޑް"އަށް ޚާއްޞަ އެއާ ޓްރާންސްފާ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށްވެސް މި ބޯޓު ލިބެން ހުންނާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން ބުނީ މި ބޯޓު ފަރުމާކޮށްފައި ވަނީ 8 ފަސިންޖަރުންގެ ޖާގައާއެކު ލަގްޒަރީ އަދި ވިޔަފާރީގެ ދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަ ކޮށްގެން ކަމަށެވެ. ދަތުރުވެރިން ބޭނުންވާ ވަގުތެއްގައި ސީދާ މަންޒިލަށް ފުރޭ ގޮތަށް ދޭ މި ޚިދުމަތުގެ ސަބަބުން ޓްރާންސިޓުގައި އިންތިޒާރު ކުރަންޖެހޭ ވަގުތު ކުޑަވެ، ފަސޭހަކަމާއެކު ދަތުރު ކުރުމުގެ ފުރުޞަތު ލިބޭނެކަމަށް އެ އެއާލައިނުން ބުނެއެވެ.
މޯލްޑިވިއަންގެ ފްލީޓަށް މި ބޯޓު ގެނައުން ފާހަގަކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދުގެ މައިބަދައަކީ ފަތުރުވެރިކަން ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވަމުން އަންނައިރު، ރާއްޖެއަށް އަންނަ ފަތުރުވެރިން އެއްތަނުން އަނެެއް ތަނަަށް ގެންދިއުމަށް އެންމެ ގިނަ މަސައްކަތެއް ކުރާ އެއް ކުންފުންޏަށް މޯލްޑިވިއަންވާނެ ކަމަށާއި މޯލްޑިވިއަންއަށް އަންނަ ރިކުއެސްޓުތަކުގެ ތެރޭގައި ހިމެނިގެންދަނީ، ސީޕްލޭންގެ ޚިދުމަތުގެ ނުދެވޭ، އެހެންނަމަވެސް ރޭގަނޑުގައި މި އަންނަ ފަސިންޖަރުންނަށް ވަކިން ހާއްސަކޮށް ލަގްޒަރީ ޓޫރިޒަމުގެ ތެރެއިން އަންނަ ޓޫރިސްޓުންނަށް ދެވޭނެ ފަދަ ޚިދުމަތެއް އެއާލައިނުން ތައާރަފް ކުރުން ކަމަށެވެ. އެ ޑިމާންޑު އަބަދުވެސް އަންނަމުންދާ ކަމަށް އަލީ ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން މޯލްޑިވިއަނުން އަބަދުވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، މިއަދު މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރެވޭ މި ބޯޓާއެކު ފަތުރުވެރިންގެ އަދި ދާއިރާގެ ހިއްސާދާރުންގެ ބޭނުންވާ ވަރަށް ޚިދުމަތް ދެވޭނެ ކަމަށެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިހާރުވެސް 25 ބޯޓު އޮޕަރޭޓް ކުރެއެވެ. އޭގެ ތެރޭގައި އެއާބަސް އޭ330-200ގެ ބޯޓަކާއި، އެއާބަސް އޭ320 މަރުކާގެ ބޯޓެއްގެ އިތުރުން އޭޓީއާރުގެ 5 ބޯޓާއި، ޑޭޝް 8ގެ 7 ބޯޓު އަދި ސީޕްލޭންގެ ގޮތުގައި ބޭނުން ކުރާ ޑީއެޗްސީ-6 ޓްވިން އޮޓާގެ 11 ބޯޓު ހިމެނެއެވެ.