ނަސްރުގެ ދުވަހު ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ގައުމު އިސްކުރުމުގެ ފިލާވަޅު ކަމަށް ދިފާއީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ހަސަން ރަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.
ވަޒީރު ހަސަން ރަޝީދު ވިދާޅުވީ 1988 ގެ ނޮވެމްބަރު ތިނެއްގައި ދިވެހިންގެ މަދު ބަޔަކާއި ބޭރުގެ ނިރުބަވެރި ޖަމާއަތަކާއި ގުޅިގެން ދިން އުދުވާނީ ހަމަލާއަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ދީފައިވާ ވަރަށް ނުރައްކާތެރި އުދުވާނީ ހަމަލާއެއް ކަމަށެވެ. އެދުވަހަކީ ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި ދުވަހެއް ކަމަށާއި އެއީ ދިވެހިންގެ ލޯތަކުން ކަރުނަ އޮހޮރުވާލި ދުވަހެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއީ ދުޝަމަނުންގެ ހަމަލާތަކުން ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށް އެތައް ބަޔަކު ޒަހަމްކޮށްލި ދުވަހެއް ކަމަށް ވަޒީރު ހަސަން ރަޝީދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ނަސްރުގެ ދުވަހު ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ދިވެހި ގައުމު އިސްކުރުމުގެ ފިލާވަޅު ކަމަށެވެ. އަދި އެ ދުވަހު ދީނާއި ގައުމަށްޓަކައި ޝަހީދުވެ ދިޔަ ހިތްވަރުގަދަ ސިފައިންގެ ދައްކައިދިނީ އެކަން ކަމަށާއި އެ ބޭފުޅުން ފުރާނައިން ގުރުބާންވެގެން ހިމާޔަތްކޮށްދެއްވީ މިގައުމުގެ މިނިވަންކަމާއި ސިޔާދަތުކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދީނާއި ގައުމަށްޓަކައި ޝަހީދުވެ ދިޔަ ހިތްވަރުގަދަ ސިފައިންނަށްޓަކައި ދިވެހި ގައުމު ތާއަބަދު ފަހުރުވެރިވާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިއަދު ދިވެހިންވެސް ވާން ޖެހޭނީ ގައުމުގެ ދުޝަމަނުންނާއި ޚާއިނުންގެ ނުބައިރޭވުންތަކުން މި ގައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރާ ދީނާއި ގައުމުދެކެ ލޯބިވާ ބަޔަކަށް ކަމަށެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައި ވަނީ ނޮވެމްބަރު ތިނެއްގައި ޝަހީދުވި ހުރިހާ ބޭފުޅުންގެ ޒިކުރާ އައު ކުރާކަމަށާއި އެ ބޭފުޅުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ ނިއުމަތް މިންވަރުކުރައްވައި ދިވެހިންގެ މި ލޮބުވެތި ވަތަން ތާއަބަަދަށް މިނިވަންކަންމަތީ ލެހެއްޓެވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.