ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަނުކުރާ މެމްބަރުން ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ މިއަދު އިއުލާނުކޮށްފިއެވެ.

އެލްޖީއޭއިން އިޢުލާން ކުރި ދާއިމީ ނަތީޖާއިންވެސް ދައްކާގޮތުގައި އެ އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިޚާބުކުރަން ޖެހެއެވެ. ސިޓީ ކައުންސިލްގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މަޤާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކަމަށް ވުމާއެކު އޭނާ ވަނީ އިންތިޚާބަކާއި ނުލައި އެ މަޤާމަށް ހޮވިފައެވެ.

ހޮނިހިރު ދުވަހު ބޭއްވި އެލްޖީއޭ ބޯޑުގެ އިންތިޚާބުގައި ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަޤާމަށް ޕީއެންސީގެ އަލީ އަހުމަދު އިންތިޚާބުވެވަޑައިގަންނަވާފައި ވަނީ އެމްޑީޕީގެ އަލީ ޒާފިރުއާ ވާދަކުރައްވާ 314 ވޯޓާއެކުއެވެ. އަދި ޒާފިރަށް ވަނީ 227 ވޯޓު ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އިންތިޚާބުވެވަޑައިގަތް ޕީއެންސީގެ ކެނޑިޑޭޓް މަރިިޔަމް ޒީނާއަށް، 93 ވޯޓު ލިބިވަޑައިގަތް އިރު އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް މަރިޔަމް ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބިފައިވާއިރު، އޭގެތެރެއިން 706 ފަރާތަކުން ވަނީ ވޯޓުލާފައެވެ.