ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ދިވެހި ފުލުހުންގެ ހިދުމަތުނއ އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފުތާގައި ސްކޭމްގެ 32 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ 17 މައްސަލަ ހިމެނެއެވެ.

ފުލުހުން ބުނީ ފައިސާ މާރުކުރާ ރޭޓް އާދަޔާ ހިލާފަށް ރަނގަޅު ނަމަ އެއީ ސްކޭމަކަށް ވެދާނެ ކަމަށެވެ. މިގޮތުން، ފައިސާ ޖަމާކުރުމުގެ ކުރިން މާރުކުރާ ފަރާތުގެ ފައިސާ ލިބިއްޖެތޯ ޔަގީންކުރުމަށާއި ކާކުކަން ކަށަވަރުނުވާ ނަމަ ފައިސާ ނުފޮނުވުމަށް ފުލުުހުން ވަނީ އެދިފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފައިސާ މާރުކުރުމުގެ މައްސަލަތަކަށް ފަހު ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އީކޮމާސްއާ ގުޅޭ ސްކޭމް މައްސަލަތަކެެވެ. އެފަދަ ހަ މައްސަލައެއް އެ މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައި ވެއެވެ. އަދި އިންވެސްޓްމަންޓާ ގުޅޭ ހަތަރު މައްސަލައެއްގެ އިތުރުން އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދުމުގެ މައްސަލައަކާއި އެހެނިހެން ބާވަތްތަކުގެ ހަތަރު މައްސަލައެއް އޭގެ ތެރޭގައި ހިމެނެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބޭނުންކޮށްފައި ވަނީ އައިބޭ އާއި ޓިކްޓޮކް އަދި ފޭސްބުކް މާކެޓްޕްލޭސް އާއި ފިޝިން ލިންކާއި ފޯނު ކޯލްތަކެވެ.

އެ މުއްދަތުގެ ތެރޭގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި 737،695ރ. ގެއްލިފައިވާއިރު އަނބުރާ ހޯދުނީ 144،558ރ. ކަމަށް ފުލުހުން ބުނެއެވެ.