މި އަހަރުގެ ނަސްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން މިދަނީ ވަރަށް ހައްސާސް އަދި ނާޒުކު ދަނޑިވަޅެއްގައި ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ، މި ގައުމުގެ މުސްތަގުބަލާ މެދު މިއަދު ސުވާލު އުފެދިފައިވާ ކަމަށެވެ.
އެހެންކަމުން މި ދަނޑިވަޅުގައި މި އާކުރަނީ ދިވެހި ފަސްގަނޑުގެ ދިފާއުގައި 1988 ވަނަ އަހަރު ހިތްވަރާއެކު ނުކުމެވަޑައިގެންނެވި ބަތޮލުން ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.
ފައްޔާޒްގެ ޕޯސްޓު ނިންމަވައިލެއްވީ، މި ގައުމުގެ މިނިވަންކަމަށްޓަކައި ޝަހީދުވި ފަރާތްތަކުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ދަނަންވަމުންނެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހި ޚާއިނުންގެ މަދު ބަޔަކު، ސްރީލަންކާގެ ޕްލޮޓް (ޕީއެލްއޯޓީ) ޖަމާއަތުގެ ކުލީ ސިފައިންނާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލުމަށްޓަކައި މާލެއަށް އަރައި ދިން ނިރުބަވެރި ހަމަލާއިން ގައުމު ސަލާމަތްވި ތާރީޚީ ދުވަހެވެ.
އެ ހަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި އާންމު ރައްޔިތުންގެ 11 މީހުން ހިމެނޭހެން 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. މި ހަމަލާ ނާކާމިޔާބުކޮށްލައި، ގައުމަށް ލިބުނު ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ.