ހުޅުމާލޭގައި ހިންގަމުން އަންނަ ރިވެލި ބީޗް ރެސްޓޯރެންޓު ހިންގާ ބިމަށް ކުލި ނުދެއްކުމުގެ ސަބަބުން އެއްބަސްވުން ބާތިލުކޮށް ބިން ހަވާލުކުރުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުމާ ގުޅިގެން، އެ ރެސްޓޯރެންޓް އަލުން ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓަލިޓީން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ނެގުމަށް މިިދިޔަ ހަފްތާގައި ނިންމާފައެވެ. އަދި އެ ތަނުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ޚިދުމަތެއް ވެސް އެ ކުންފުންޏަށް ނުދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެއްބަސްވުން ބާތިލުކުރަން ނިންމި ސަބަބެއް ކަމަށް އެޗްޑީސީން ބުނީ، ކުލި ނުދައްކާތާ ދިގު މުއްދަތެއް ވެފައިވުމުން، އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށް ފަހު، އެއްބަސްވުމުގެ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މިފަދަ ނިންމުމެއް ނިންމީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާވެސް ފަހި ފުރުސަތުތަކެއް ހޯދައިދިނުމާއެކު، އާންމުންނަށް ޚިދުމަތްދޭ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހުގައި ކަމަށްވެސް އެޗްޑީސީން އެކުންފުންޏަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެ ސިޓީއަށް ފަހު، އެޗްޑީސީން ވަނީ ރިވެލި ރެސްޓޯރެންޓް ހުސްކުރަން މިދިޔަ ހޯމަދުވަހު އެތަނަށް ވަދެފަ އެވެ. ނަމަވެސް، އެކަމާ ދެކޮޅަށް ސޮލާރިސް ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައިގައި އެދުނީ އެޗްޑީސީގެ ނިންމުން ބާތިލު ކަމަށް ކަނޑައަޅައިދޭށެވެ. އަދި، އެޗްޑީސީން ތަން ހުސްކުރަން ކުރާ މަސައްކަތް ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް އެދުނެވެ.

ސިވިލް ކޯޓުން އެކަމާ މެދު ގޮތެއް ނިންމައި ނެރެފައިވާ އަމުރުގައި ވަނީ މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ތަން ހުސްކޮށް ވިޔަފާރި ހުއްޓުވައިފި ނަމަ ސޮލާރިސްއަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް ވާނެ ކަމަށެވެ. އެހެންވެ، ރިވެލި ރެސްޓޯރެންޓްގެ ހިންގުން ހުއްޓޭނެ އެއްވެސް އަމަލެއް ނުކުރުމަށާއި އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެކަމެއް އިޔާދަކުރަން އެޗްޑީސީގެ މައްޗަށް ޣައރު ހާޒިރުގައި ސިވިލް ކޯޓުން އެންގި އެވެ.

އެ އަމުރާ ގުޅިގެން، ހޯމަ ދުވަހުގެ ރޭ 20:15 ގައި ރެސްޓޯރެންޓް އަލުން ހުޅުވައި މެހުމާނުންނަށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.