މަސްވެރިންގެ ދުވަހުގައި ދިނުމަށް ނިންމާފައިވާ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ގަ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުގައި ހަތަރު އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާއިރު، އެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީއިން އިތުރުކޮށްފައިވަނީ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.

މިއަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑާއި، އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑުގެ އިތުރުން އެންމެ ހިދުމަތްތެރި ފަރުމަހު މަސްވެރިޔާގެ އެވޯޑާއި އެންމެ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑެވެ.

ޒުވާން ކެޔޮޅުންގެ އެވޯޑުތަކަށް ޝަރުތު ހަމަވަނީ އުމުރުން 35 އަހަރުން ދަށުގެ، މަސްވެރިކަން ނޫން އެހެން މަސައްކަތެއް އާމްދަނީ ހޯދުމަށް ނުކުރާ ފަރާތްތަކަށެވެ.

މި އެވޯޑުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަކުރުމަށް ފަހު ލިންކް އަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.