މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެވެ.

މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އެ އަހަރު ނިމުނުއިރު ބަޖެޓަށްވުރެ އިތުރަށް 8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް 2.5 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަމުން އަންނަނީ ދައުލަތުގެ އާމްދަނީއަށް ބިނާކޮށް އެކުލަވާލާފައިވާ ފިސްކަލް ފޯމިއުލާއެއްގެ ދަށުންނެވެ.

ކައުންސިލުތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު އަތޮޅު ކައުންސިލުތައް އުވާލާފައިވާއިރު، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތްތަނުގައި ކައުންސިލުތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ކައުންސިލުތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.