ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދައިރާގެ މެންބަރު އަލީ ފަޒާދު އިންތިހާބު ކޮށްފިއެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު 29 ގައެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަނުކޮށްފަ އެވެ. އެގޮތުން ކޮމިޓީގެ މުގައްރިރަކަށް މެންބަރު އަހުމަދު ސަލީމް އަދި ނައިބު މުގައްރިރަކަށް މެންބަރު އަލީ ފަޒާދު ހަމަޖައްސާފައިވަނީ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރައްވައިގެން، ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި 16 މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީއަކީ، މަޖިލީހުގެ އިގުތިސޯދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ ގުޅިގެން އުފައްދާ ޖޮއިންޓް ކޮމިޓީއެކެވެ. މި ކޮމިޓީއަށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް، ބަޖެޓަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްފަހު، ބަޖެޓް ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވާނެއެވެ. މަޖިލިސް ތަޅުމުން ބަޖެޓް ފާސްކުރާނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހުގައެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު 29 ގައެވެ.
މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައި ވަނީ، ދައުލަތުގެ ބަޖެޓް ބަހުސްގައި، ވާހަކަ ދައްކަވަން ކޮންމެ މެންބަރަކަށް 15 މިނިޓުގެ ފުރުސަތެއް ދިނުމަށެވެ.