ޕީއެންސީގެ ސަރުކާރު 10 އަހަރު ނުވަތަ 15 އަހަރަށް ދެމިގެން ގޮސްފިނަމަ ޑޮލަރު ރޭޓް 10 ރުފިޔާއަށް ދަށްވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރުނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށްދިޔައީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އިގުތިޞާދީ ސިޔާސަތު ބައްޓަންކުރި ގޮތުގެ ސަބަބުން ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގު މައްޗަށް ގޮސް ކަޅު ބާޒާރެއް އުފެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ، އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕްކުރުމުން ކަމަށް ފަލާހު ވަނީ ފާހަގަކުރައްވާފައެވެ.

ފަލާހު ވަނީ އޭރު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލިފައިވާކަން ފާހަަގަކުރައްވާ ލޯނުތައް ނަގައިގެން ފައިދާހުރި ކަމެއް ކޮށްފައިނުވާ ކަަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. މިގޮތުން އެތައް ބިލިއަން ޑޮލަރެއް ނަގާ ދައުލަތަށް އާމްދަނީ ވަންނާނެ އެއްވެސް ކަމެއް ނުކޮށް ގާތް މީހުންނަށާއި ރަށްޓެހިންނަށާއި އެތައް ބަޔަކަށް ބަހައިލައިފައި ތާކުންތާކުން ނުޖެހޭ ގޮތަށް އިގުތިޞާދީ ކަންކަން އެ ސަރުކާރުގައި ކޮށްފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

" ޑޮލަރުގެ މައްސަލަ ކަޅު ބާޒާރެއް އުފެދިގެން މިއުޅެނީ މި ސަރުކާރުގަ މިނިސްޓަރު ސައީދު މިނިސްޓަރަކަށް އައްޔަނުކުރެއްވި ހިސާބުންތޯ.ނިމިގެންދިޔަ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގަ ޑޮލަރުގެ ކަޅު ބާޒާރެއްނެއްތޯ. 15.42 އަށްތޯ ރާއްޖޭގެ ހުރިހާތާކުން ޑޮލަރު ގަންނަން ލިބުނީ. އޭރުގަ އިކޮނޮމިކް މިނިސްޓަރެއް ނެއްތޯ. ހުރީ ކޮންބޭފުޅެއްތޯ. އެވެސް މިނިސްޓަރު ސައީދުތޯ. ވަރަށް ތަފްސީލުކޮށް އެ ވިދާޅުވެދެއްވީ އެމްޑީޕީ ވެރިކަމުގަ މިދިޔަ ފަސް އަހަރުދުވަހު ބޭންކުތަކުން އެމްއެމްއޭ މެދުވެރިކޮށް ދިވެހި ވިޔަފާރިވެރިންނަށް ބޭންކު ރޭޓުން ދޫކޮށްފަ ހުރި ފައިސާގެ އަދަދާ ހިސާބުން ހަމަ އަހަރުން އަހަރަށް އެކިޔައިދެއްވީ. ވަރަށް ތަފްސީލްކޮށް ޔޯލަ ޔޯލައަކަށް ނޫން. އެމްޑީޕީގަ އެދިޔަ ފަސް އަހަރު ބޭންކުތަކާ އެމްއެމްއޭ މެދުވެރިކޮށް ބޭންކު ރޭޓުގަ މިއޮތީ ވިޔަފާރިތަކަށް އެއްހާސް ހަތްދިހަ ނުވަ ވަރަކަށް މިލިއަން ދޫކުރެވިފަ."

އިނގުރައިދު ދާއިރާގެ މެންބަރު ފަލާހު

ފަލާހު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ މިދިޔަ ތިން އަހަރު އެއްހާސް ނުވަ ސަތޭކަ މިލިއަން ޑޮލަރު ވިޔަފާރިވެރިންނަށް ދޫކުރި ވާހަކަ މިނިސްޓަރު މިއަދުގެ މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރާ އަޅާ ކިޔާނަމަ ބާކީ ދެ އަހަރު ދުވަސް އެބައޮތް ކަމަށް ފަލާހު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހެޅި އިރު، މިއަދުގެ ޖަލްސާގައި ޑޮލަރު ލިބުން ދަތިވެ ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައިގައި ކުރި ތުހުމަތަށް ޖަވާބު ދެއްވަމުން އިކޮނިމިކް މިނިސްޓަރު ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ރަސްމީ ރޭޓްގައި ދޫކުރި ޑޮލަރަށް ވުރެ 80 ޕަސެންޓް އިތުރަށް 1.9 ބިލިއަން ޑޮލަރު ރައީސް މުޢިއްޒުގެ ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.